ޕީއެންސީ ކެންޑިޑޭޓަށް ތާއީދުނުކުރުމުން އެމްޓީސީސީގެ މުވައްޒަފަކު ފިޔޯރީއިން އިހަވަންދޫއަށް ބަދަލުކޮށްފި
އަދަދު
8 ފެބްރުއަރީ 2026 | އާދިއްތަ | 12:36
ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ފިޔޯރީ ކުރިއަށް ލޯކަލް ކައުންސިލް އިންތިހަބުގައި ފިޔޯރީ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ކެންޑިޑޭޓަށް ތާއީދު ނުކުރުމުން އެމްޓީސީސީގެ ފިޔޯރީ ސައިޓުގެ އެސިސްޓަންޓް މެނޭޖަރު އަބްދުﷲ ހާލިދު ހއ. އިހަވަންދޫ އެމްޓީސީސީ ސައިޓަށް ބަދަލުކޮށްފި އެވެ.
އަބްދުﷲ ހާލިދު އަދަދު އަށް ބުނީ ރޯދަ މަހާ ދިމާކޮށް ކުއްލިއަކަށް އޭނާ ފިޔޯރީ ސައިޓުން އިހަވަންދޫއަށް ބަދަލުކުރީ އަބްދުﷲ މުބާހުއަށް ތާއީދު ނުކޮށް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ފިޔޯރީ ކައުންސިލްގެ ރައީސަކަށް މިހާރުވެސް ހުންނެވި ފައިޒަރު ރަޝީދަށް ތާއީދުކުރުމުން ކަމަށެވެ.
އޭނާ ފިޔޯރީން އިހަވަންދޫއަށް ބަދަލުކުރަން ނިންމީ ހައުސިން މިނިސްޓަރު އަބްދުالله މުއްތަލިބު އެ ރަށަށް ވަޑައިގެން ބައެއް ކަންކަމަށް އެއްބަސްނުވި ހިސާބުން ފެށިގެން ކަމަށެވެ. ޕީއެންސީ ޓިކެޓިގައި ވާދަކުރާ އަބްދުﷲ މުބާހުއަކީ މުއްތަލިބުގެ އާއިލާ މީހެކެވެ.