ފަނޑިޔާރުން ސަސްޕެންޑުކުރި މައްސަލައިގެ އާރްޓީއައި އަށް ޖޭއެސްސީ އަދި އޭސީސީން ޖަވާބެއް ނުދިން
އަދަދު
9 ފެބްރުއަރީ 2026 | ހޯމަ | 7:07
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށް ވަކިކުރި މައްސަލައިގައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅި ސުވާލުތަކަށް (އާރުޓީއައި-ރައިޓް ޓު އިންފޮމޭޝަން) ޖޭއެސްސީ އަދި އޭސީސީން ވެސް ޖަވާބު ނުދީ ހިފަހައްޓައިފި އެވެ.
ސިޔާސީ ޕާޓީ ބަދަލުކުރުމުން، ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލަ މެންބަރަކު ޕާޓީއަކަށް ސޮއިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ޕީއެންސީން ގެނައި ބަދަލު ބާތިލްކުރަން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ސުޕްރީމް ކޯޓުން ނިންމައި، ފުރަތަމަ އަޑުއެހުން ފަށަން ކުޑަތަން ވެފައި ވަނިކޮށް އެ ޝަރީއަތް ހުއްޓުވުމަށްޓަކައި އޭސީސީ އާއި ޖޭއެސްސީ ބޭނުންކޮށްގެން ސަސްޕެންޑުކުރީ، ފަނޑިޔާރު ހުސްނުއް ސުއޫދު އާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ އެވެ.
މި ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ އޭސީސީން މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ، ފޮނުވި ސިޓީއެއްގެ މައްޗަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ މައްސަލައިގައި އޭސީސީން އެ ބޭފުޅުންނާ ސުވާލެއް ނުކުރެ އެވެ.