ފައިސާ ޗާޕުކުރުމާ ދެކޮޅު ހެދުމަށް އިސްތިއުފާ ދިން އިނާޒްގެ ބަދަލުގައި ޕެންޝަން އޮފީހުގެ ބޯޑަށް ޗެއާޕާސަނަކު ހޯދަނީ
އަދަދު
9 ފެބްރުއަރީ 2026 | ހޯމަ | 7:13
ޕެންޝަން އޮފީހުގެ ބައިވެރިވުމާއެކު ގާނޫނާ ހިލާފަށް ސަރުކާރުން ފައިސާ ޗާޕު ކުރަން މަސައްކަތް ކުރަމުންދަނިކޮށް އެ އޮފީހުގެ ބޯޑުގެ ޗެއާޕާސަން އިސްތިއުފާ ދީފައިވާތީ އެ މަގާމަށް މީހަކު ހޯދުމަށް މިއަދު އިއުލާން ކޮށްފި އެވެ.
ޖޫން 2022 ގައި ޕެންޝަން ބޯޑުގެ ޗެއާމަން އަކަށް އައްޔަން ކުރި އަހުމަދު އިނާޒު އިސްތިއުފާ ދެއްވީ ފެބްރުއަރީ 1، 2026 ގަ އެވެ. އޭނާގެ އިސްތިއުފާގެ ކުރިންނާއި ފަހުން ވެސް އެ އޮފީހުގެ ބޯޑުން ބައެއް މެންބަރުން ވަނީ އިސްތިއުފާ ދީފަ އެވެ.
"ޗެއަރޕަރސަން ހޮވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ޤާނޫނުގައި ވާގޮތުގެ މަތީން އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން 3 ނަން ޝޯޓްލިސްޓް ކުރެއްވުމަށްފަހު، ކެޕިޓަލް މާރކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީން އެ ފަރާތްތަކުގެ ޝަރުޠު ހަމަވާކަން ޔަގީންކުރެވޭނެ،" ޕެންޝަން އޮފީހުގެ އިއުލާނުގައި ބުނެފައިވެ އެވެ.