ފްލައިން ސްކޫލް ބޭރު ބަޔަކަށް ވިއްކާލީ އައިއޭއެސް އަށް ގެއްލުންވާ ގޮތަށް!
އަދަދު
11 ފެބްރުއަރީ 2026 | ބުދަ | 10:44
އައްޑޫ ގަމުގައި އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ހިންގި މޯލްޑިވިއަން އޭވިއޭޝަން އެކެޑެމީ، ބޭރު ބަޔަކަށް ވިއްކާލީ އެ ކުންފުންޏަށް ބޮޑު މާލީ ގެއްލުމެއް ވާގޮތަށް ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
ފްލައިން ސްކޫލް ވިއްކާލި މުއާމަލާތުގެ މައުލޫމާތު އެނގޭ މަސްދަރުތަކުން އަދަދު ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި، އައްޑޫ ފްލައިން ސްކޫލް ގާއިމުކުރުމަށްޓަކައި އައިލެންޑް އޭވިއޭޝަނުން 2 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 30.8 މިލިއަން ރުފިޔާ) އިންވެސްޓްކުރި އެވެ. ނަމަވެސް، އެ ހުރިހާ ވަސީލަތްތަކަކާއެކު ބޭރު ބައެއްގެ ހިއްސާ އޮންނަ 'ޒެނިތު އޭވިއޭޝަން އެކެޑެމީ' އަށް އެ ތަން ވިއްކާލީ ގާތްގަނޑަކަށް 900,000 ޑޮލަރަށެވެ.
އޭވިއޭޝަން ދާއިރާގެ އޮފިޝަލަކު ބުނީ "މިއީ ހަމައެކަނި އިންވެސްޓްމަންޓް ނުއަގުގައި ވިއްކާލުމެއް ނޫން ކަމަށާއި، މިއީ ދައުލަތުގެ ކުންފުންޏަކަށް ދާއިމީ ގޮތެއްގައި ލިބޭނެ ވަރަށް ބޮޑު އާމްދަނީއެއްވެސް ދޫކޮށްލުން" ކަމަށެވެ.