ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެ އަދިވެސް ކަންބޮޑުވާހާ ދަށުގައި
އަދަދު
10 ފެބްރުއަރީ 2026 | އަންގާރަ | 1:40
ދުނިޔޭގެ އެކި ގައުމުތަކުގެ ދައުލަތުގެ އިދާރާތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ބަލައި، ސާވޭތަކާއި މާހިރުންގެ ވަޒަންކުރުންތަކުގެ މައްޗަށް ބިނާކޮށް ކޮންމެ އަހަރަކު އެކުލަވާލާ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ރާއްޖޭގެ ނަތީޖާ އަދިވެސް ކަންބޮޑުވާހާ ދަށުގައި އޮތްކަން މިދިޔަ އަހަރުގެ ނަތީޖާއިން ދައްކައިފި އެވެ.
މި އިންޑެކްސްގައި 39 ގެ ނަތީޖާއަކާއެކު، މިދިޔަ އަހަރުގެ ސީޕީއައިގައި ރާއްޖެ ހިމެނެނީ 182 ގައުމުގެ ތެރެއިން 91 ވަނައިގަ އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ ރާއްޖޭގެ ސީޕީއައި ނަތީޖާ އަދިވެސް ކަންބޮޑުވާންޖެހޭ ދަށް މިންވަރެއްގައި ހުރީ ނިޒާމީ ގޮތުން ހުރި ނާޒުކުކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެ، އާންމުންގެ އިތުބާރު ގެއްލި، މުއައްސަސާތައް ބަލިކަށިވެ، އިންސާފާއި ހިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ހުރަސްތަކެއް ކުރިމަތިވަމުންދާތީ ކަމަށެވެ.