ދެ ވޯޓު އެއްކޮށްލުން ގުޅެނީ ވެރިކަމުގައި ހުރުމުގެ މަކަރުވެރި ރޭވުންތަކާ، ނޫނެކޭ ބުނަން ޖެހޭ: ޒަރިޔަންދު

އަދަދު

10 ފެބްރުއަރީ 2026 | އަންގާރަ | 8:36

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާ އެކީ ދެ އިންތިހާބު އެއްކޮށްލާ ވޯޓު ނަގަން ނިންމުމަކީ ރައީސް މުހައްމަދު މުއިއްޒު އިތުރު ދައުރުތަކަކަށް ހުރުމަށް ރާވާފައިވާ ހަރަކާތެއް ކަމަށް އިސްމާއިލް ޒަރިޔަންދު މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ ޒަރިޔަންދު އެކްސްގައި މިހެން ވިދާޅުވީ، އަންނަ އޭޕްރިލް މަހު ބާއްވާ ކައުންސިލު އިންތިހާބުގެ ވޯޓާ އެކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓާ މެދު ފެންނަ ނުފެންނަ ވޯޓު ނަގަން މަޖިލީހުން މިއަދު ފާސްކުރުމާ ގުޅިގެންނެވެ.

ޒަރިޔަންދު ވިދާޅުވީ، ކައުންސިލު އިންތިހާބާ ދިމާކޮށް މި ވޯޓު ނަގަން ސަރުކާރުން ނިންމީ މި އިންތިހާބުތަކަކީ އެންމެ މަދުން ވޯޓު ލާ އިންތިހާބުކަން އެނގިތިބެ ކަމަށެވެ. އަދި މި ގޮތަށް ރޭވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އިތުރު ދައުރުތަކަކަށް ހުރުމަށް ރާވާފައިވާ މަކަރުވެރި ރޭވުންތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް