އެމްޑީޕީގެ ދެ ވެރިކަމުގައި ހުޅުވާފައި ހުރި އެއްވެސް މިސްކިތެއް ނުހުންނާނެ: ފަލާހު
އަދަދު
11 ފެބްރުއަރީ 2026 | ބުދަ | 9:37
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ދެ ވެރިކަމުގައި ރާއްޖޭގައި ހުޅުވާފައި ހުރި އެއްވެސް މިސްކިތެއް ނުހުންނާނެ ކަމަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދަނީ ޓެރަރިޒަމްގެ ގާނޫނަށް އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި އިސްލާހުގެ ބަހުސެވެ. އެއީ މިސްކިތަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅާފައިވާ ބިލެކެވެ.
އެ ބަހުސްގައި ވާހަކަ ދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ވަނީ އެމްޑީޕީއަކީ ދީނާ ދުރު ޕާޓީއެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ. މިދިޔަ ސަރުކާރުގައި އަޅަން ފެށި މިސްކިތްތަކަށް ފައިސާ ނެގުމަށް ފަހު މަސައްކަތްތައް ހުރީ ހުއްޓާލާފައި ކަމަށް ފަލާހު ވިދާޅުވި އެވެ.