މާލެއިން އަމުރުމައުރޫފް ހިންގާ ކައުންސިލެއް ކުޅުދުއްފުއްޓަށް ބޭނުމެއް ނުވޭ: އާތިފް
އަދަދު
11 ފެބްރުއަރީ 2026 | ބުދަ | 11:23
ކުޅުދުއްފުށި ސިޓީއަށް މާލެއިން އަމުރުމައުރޫފް ހިންގާ ކައުންސިލެއް އެ ސިޓީގެ ރައްޔިތުން ބޭނުން ނުވާ ކަމަށް ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި އާތިފް ވިދާޅުވީ ލާމަރުކަޒީ ތަރައްގީގެ ފޮނިކަން މިދިޔަ ފަސް އަހަރު ފެނުނު ކުޅުދުއްފުށީ ރައްޔިތުން މާލެއިން އަމުރުމައުރޫފް ހިންގާ ކައުންސިލަރުން އެ ސިޓީއަށް ހޮވަން ބޭނުން ނުވާނެ ކަމަށެވެ.
"ހާއްސަކޮށް ވޭތުވެދިޔަ ފަސް އަހަރު ކުޅުދުއްފުށި ރައްޔިތުން ދެކެފި ލާމަރުކަޒީ ތަރައްގީގެ ފޮނިކަން. ކުޅުދުއްފުށީގެ ރައްޔިތުން ދެން އަނބުރާ ބޭނުމެއް ނުވާނެ މާލެއިން އަމުރުމައުރޫފް ހިންގާ ކައުންސިލަރުން ކުޅުދުއްފުށީގައި ތިބޭކަށް،" އާތިފް ވިދާޅުވި އެވެ.