ތަހުގީގަށް ހުރަސްއެޅިދާނެ ކަމަށް ބުނެ އަމީން މިއާ ގެއްލުނުކަން ރިޕޯޓްކުރުން ލަސްކުރި ސަބަބު ވެމްކޯއިން ހާމަނުކުރި

އަދަދު

11 ފެބްރުއަރީ 2026 | ބުދަ | 1:50

ފުލުހުން ހިންގާ ތަހުގީގަށް ހުރަސްއެޅިދާނެ ކަމަށް ބުނެ ކ. ތިލަފުށި ސައިޓެއްގައި ހައިމާކަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓިގެން ޖެނުއަރީ 26، ގައި މަރުވި އަމީން މިއާ، 24، ގެއްލުނުކަން ފުލުހުންނަށް ރިޕޯޓްކުރުން ލަސްކުރި ސަބަބު ވެމްކޯއިން ހާމަނުކުރި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އަމީން މިއާ ގެއްލުނު މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުން ލަސްވި ސަބަބު ސާފުކޮށްދޭން ވެމްކޯގައި އެދުމުން އެ ކުންފުނިން ބުނީ އެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަނުކުރަން ފުލުހުން އަންގާފައިވާ ކަމަށެވެ.

"މި ހާދިސާއާ ގުޅޭގޮތުން ތިޔަ ފަރާތުން ސާފުކުރައްވަން އެދިވަޑައިގެންފައިވާ ކަންކަމަކީ މިހާރު މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަހުގީގުކުރަމުންދާ މައްސަލައަކަށްވާތީ، މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް އެ މުއައްސަސާއިން މި ކޯޕަރޭޝަނަށް ވަނީ އަންގަވާފައި،" ވެމްކޯއިން ބުންޏެވެ.

މައުޟޫޢުތަށް