ހުލާސާކޮށް އިއްޔެ: އައިއެމްއެފްގެ ޕްރޮގްރާމަކަށް ދާން އިންޑިއާއެކު ސިއްރުން އެއްބަސްވެފައި، އެކަމުން ސަލާމަތްކޮށް ދިނުން މުއިއްޒުއަށް ކާމިޔާބަކަށް ވެއްޖެ
އަދަދު
12 ފެބްރުއަރީ 2026 | ބުރާސްފަތި | 6:37
އިއްޔެ ރިޕޯޓުކުރި ހަބަރުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހަބަރަކީ ފެބްރުއަރީ 5، 2026 ވީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ރައީސް މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ފާހަގަ ކުރެއްވި މި ވާހަކަ އެވެ.
ރިޔާސީ ބަޔާން އިއްވަވަމުން މުއިއްޒު ދެއްކެވި ސަތޭކަ ވާހަކައިގެ ތެރޭގައި، ސަރުކާރުން ހޯދި ވަރަށް ބޮޑު ކުރިއެރުމުގެއް ގޮތުގައި އިންޑިއާއިން ނަގާފައިވާ ކަރަންސީ ސްވޮޕާ ގުޅޭ ކަމެއް ފާހަގަކުރެއްވި އެވެ. އެއީ އިންޑިއާ ސަރުކާރުން ދޫކޮށްފައިވާ ކަރަންސީ ސްވޮޕުގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމަކަށް ދާން އޮތް ޝަރުތު އުނިކުރި ވާހަކަ އެވެ.
"މީގެ އިތުރުން، ރާއްޖޭގެ ތަރައްގީގެ މައި ހިއްސާދާރެއް ކަމުގައިވާ ޗައިނާއިން ނަގާފައިވާ ލޯނުގެ ބައެއް، މާލިއްޔާއަށް ބުރަ ބޮޑުނުވާނެ ގޮތަށް ރީ-ފައިނޭންސް ކުރުމަށް ޗައިނާ ސަރުކާރާއެކު އެއްބަސްވުމަކަށް އައިސްފައިވުމާއި، އިންޑިއާއިން ދީފައިވާ ސްވޮޕް ފެސިލިޓީގައި، ކުރިން އައިއެމްއެފްގެ ޕްރޮގްރާމަކަށް ދާން ޖެހޭ ގޮތަށް އޮތް ޝަރުތު އުނިކޮށް، ރޯލްއޯވާ ކޮށްދީފައި ވުމުގެ ސަބަބުން ދައުލަތުގެ ރަސްމީ ރިޒާވަށް އެކަމުގެ ހެޔޮ އަސަރު އަންނަނީ ކުރަމުން،" މުއިއްޒު ވިދާޅުވި އެވެ.