ޗާގޯސްއަށް ދާން ރާއްޖެ އައި ނައިޖެލް ފަރާޖު: "އަހަރެން ހުއްޓުވީ ދިވެހި ސަރުކާރަށް ޕްރެޝަރު ކޮށްގެން"

އަދަދު

22 ފެބްރުއަރީ 2026 | އާދިއްތަ | 10:43

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާއަށް ދަތުރުކުރުމަށް އައިސް ހުރި އިނގިރޭސިވިލާތުގެ ރިފޯމް ޕާޓީގެ ލީޑަރު އަދި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނައިޖެލް ފަރާޖު ހުއްޓުވީ އެ ގައުމުގެ ސަރުކާރުން ދިވެހި ސަރުކާރަށް ޕްރެޝަރު ކޮށްގެން ކަމަށް އޭނާ ތުހުމަތު ކުރައްވައިފި އެވެ.

އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލި މައްސަލައާ ދެކޮޅު ހެދުމުގެ ގޮތުން ޗާގޯސްއަށް ނިސްބަތްވާ ހަތަރު މީހުން އެ އަތޮޅުގައި ދާއިމީ ގޮތެއްގައި ވަޒަންވެރިވުމަށް މިދިޔަ ހަފުތާގައި ވަނީ ގޮސްފި އެވެ. އެ މީހުން އެ ތަނުން ފޭބުމަށް އިނގިރޭސި ސަރުކާރުން އަންގާފައިވާއިރު އެ ގައުމުގެ އިދިކޮޅު ފަރާތްތަކުން އަންނަނީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ބޮޑުވަޒީރު ކިއެ ސްޓާމާގެ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރުވަމުންނެވެ.

އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބައެއް ސާމާނާއެކު ނައިޖެލް ފަރާޖު ރާއްޖެ އައީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އެ މީހުންނަށް ބޭނުންވާ ކާނާ އާއި ބޭހާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޯޓެއް ފޮނުވުމަށް ފަރާޖު ދިޔައީ މަސައްކަތް ކުރަމުންނެވެ.

މައުޟޫޢުތަށް