ވަޒީފާގެ ބިރު ދެއްކިޔަސް ހަނިމާދޫ ކައުންސިލް އަދި ޑަބްލިޔޫޑީސީގެ ގޮނޑިތައް ކާމިޔާބުކުރާނީ އެމްޑީޕީން: ޝާހިދު
އަދަދު
23 ފެބްރުއަރީ 2026 | ހޯމަ | 8:40
ކިތަންމެ ވަރަކަށް ބިރުދައްކައި އިންޒާރު ދިން ނަމަވެސް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހުބުގައި ހަނިމާދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔޫޑީސީ) ގެ ގޮނޑިތައް ކާމިޔާބުކުރާނީ އެމްޑީޕީން ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ. ރޭގެ އެކްސްގައި އާންމުކުރި މި ވީޑިއޯގައި ޝާހިދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ވަޒީފާގެ ބިރުވެރިކަން އުފައްދަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
ޝާހިދު ވިދާޅުވީ، އޭނާގެ ފަހަތުން އެ ފެންނަނީ އެމްޑީޕީގެ ސަރުކާރުން ބިނާކުރި ފަހުރުވެރި ހަނިމާދޫ އެއާޕޯޓު ކަމަށާއި، ނަމަވެސް މިއަދު އެތަނުގެ މުވައްޒަފުން ވަނީ "ވަޒީފާގެ އަޅުންނަށް" ހަދާފައި ކަމަށެވެ. އެމްޑީޕީގެ ކެންޑިޑޭޓުންނަށް ބިރު ދެއްކުމަށްޓަކައި އެއާޕޯޓުގައި ވަޒީފާ އަދާކުރާ ގިނަ ބަޔަކަށް ބިރު ދައްކަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.