ރިފެރެންޑަމް ވޯޓު އަދި ހުދުމުހުތާރުކަމާ ދެކޮޅު ހަދަން އެމްޑީޕީ އިން ބޮޑު އެއްވުމެއް ބާއްވަނީ
އަދަދު
24 ފެބްރުއަރީ 2026 | އަންގާރަ | 11:18
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބާއްވަން ނަގާ ފެންނަނުފެންނަ ވޯޓާއި ރައީސް މުހައްމަދު މުއިއްޒުގެ "ހުދުމުހުތާރު ވެރިކަމާ" ދެކޮޅު ހަދަން މުޒާހަރާއެއް ކުރަން އިދިކޮޅު އެމްޑީޕީ އިން ނިންމައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުޒާހަރާ އިއުލާނު ކުރީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ. އޭނާ ވިދާޅުވީ މުޒާހަރާ ބާއްވާނީ މާޗް 21، ގައި ކަމަށެވެ. އެ މުޒަހަރާގައި ވީހައިވެސް ގިނަ ބަޔަކު ބައިވެރިވާން އެމްޑީޕީން އެދުނެވެ.
މުޒާހަރާ ރޭވުމަށާއި ރިފަރެންޑަމް ވޯޓާ ދެކޮޅު ހެދުމުގެ ގޮތުން ސިލްސިލާ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވެސް މިއަދު އެމްޑީޕީ އިން ނިންމި އެވެ. އަދި އެ މަސައްކަތް ކުރަން ކޮމިޓީއެއް ވެސް ވަނީ ހަމަޖައްސައިފަ އެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ އެ ކޮމިޓީގެ ފަރާތުންނެވެ.