ދެ އިންތިހާބު އެއްކޮށްލަން އުޅެނީ ނުފޫޒު ފޯރުވައިގެން އެއް ފަހަރާ ވެރިކަމާއި މަޖިލީސް ހޯދުމަށް: އަބްދުއްރަހްމާން
އަދަދު
25 ފެބްރުއަރީ 2026 | ބުދަ | 9:57
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް ސަރުކާރުން ބޭނުން ވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ނޫން ކަމަށާއި، އެކަމުގެ ނިޔަތަކީ މުޅި ދައުލަތް ބޭނުންކޮށްގެން ވޯޓަށް ނުފޫޒު ފޯރުވައިގެން ވެރިކަމާއި ރައްޔިތުންގެ މަޖިލީސް އެއް ފަހަރާ ހޯދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ވިދާޅުވެއްޖެއެވެ.
ދެ އިންތިހާބު އެއްކޮށްލުމުން ނުކުންނާނެ ފައިދާއެއްގެ ގޮތުގައި ސަރުކާރުގެ މިނިސްޓަރުން އަދި ޕީއެންސީގެ ވެރިން މައިގަނޑު ގޮތެއްގައި ވިދާޅުވަނީ ދައުލަތަށް ހަރަދު ކުޑަވުމުގެ ވާހަކަ އެވެ.
ނަމަވެސް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހްމާން ވިދާޅުވީ، ސަރުކާރުގެ އަސްލު ނިޔަތަކީ ދައުލަތުން 80 މިލިއަން ރުފިޔާ ސަލާމަތް ކުރުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ދެ އިންތިހާބު އެއްކޮށްލައިގެން ޕާޓީގެ ހަރަދު ކުޑަކުރުމާއި، ސަރުކާރުގެ ނުފޫޒު މުޅި ދައުލަތުގެ ތެރެއިން ވޯޓަށް ފޯރުވުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.