ދެ އިންތިހާބުގެ ރެފަރެންޑަމް ވޯޓު ހުއްޓުވަން އެމްޑީޕީން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި
އަދަދު
25 ފެބްރުއަރީ 2026 | ބުދަ | 12:38
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ފެެންނަ ނުފެންނަ (ރެފަރެންޑަމް) ވޯޓު ނަގަން ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ގާނޫނާ ހިލާފު ކަމަށް ބުނެ އެ ވޯޓު ހުއްޓުވުމުގެ މައްސަލަ އެމްޑީޕީން ސިވިލް ކޯޓަށް މިއަދު ހުށަހަަޅައިފި އެވެ.
އެމްޑީޕީން ކޯޓަށް ހުށަހެޅި ޖުޑީޝަލް ރިވިއުގެ ދައުވާއާ އެކީ، މި މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން ރެފަރެންޑަމް ވޯޓު ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް އެދިފަ އެވެ.
ރެފަރެންޑަމް ވޯޓާ ދެކޮޅަށް ރަސްމީ ހަރަކާތެއް އިއުލާންކޮށްފައިވާ އެމްޑީޕީން ގަބޫލުކުރާ ގޮތުގައި ރެފަރެންޑަމް ވޯޓު ނަގަން މުއިއްޒު ނެރުއްވި ގަރާރާއި ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ގާނޫނަށް ގެނެވުނު ބަދަލު ވެސް ގާނޫނާ ހިލާފެވެ.