ކާބޯތަކެއްޗާއި މުދަލުގެ ސްޓޮކް ދަމަހައްޓަން ސަރުކާރުން ދުރާލާ ފިޔަވަޅުތަކެއް އަޅަނީ
އަދަދު
1 މާރިޗު 2026 | އާދިއްތަ | 2:44
މެދުއިރުމަތީގައި އިއްޔެ ފެށި ހަނގުރާމައާ ގުޅިގެން، ސަޕްލައި ޗެއިނަށް ދިމާވެދާނެ ގޮންޖެހުންތައް މޮނީޓާކޮށް، ކާބޯތަކެއްޗާއި އަސާސީ ބާވަތްތައް މެދުކެނޑުމެއްނެތި ލިބޭނެކަން ކަށަވަރުކުރުމުގެ މަަސައްކަތް ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
މެދުއިރުމަތީގެ މަސްރަހު ހަލަބޮލިވެ، ދިގު ހަނގުރާމައެއް ތުންފަތް މަތީގައި އޮތުމާ ގުޅިގެން ނުތަނަވަސްކަން ބޮޑު ދަނޑިވަޅެއްގައި އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އޭގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ އަސަރުތައް ވަރަށް ގާތުން ބަލައި، ދިރާސާކުރަމުން އަންނަ ކަމަށެވެ.
އެ ގޮތުން ސަރުކާރުން އެންމެ އިސްކަން ދެނީ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ރައްކާތެރިކަން ކަަށަވަރު ކޮށްދިނުމަށް ކަމަށް އެ މިނިސްޓްރީން ބުންނެވެ. އަދި، މުދާ އާންމުކޮށް މުދާ އެެތެރެކުރާ މާކެޓުތަކާއި ރޫޓުތަކަށް ދިމާވެދާނެ ދަތިތައް ދެނެގަނެ، އެކަންކަމުން އަރައިގަންނަން މަސައްކަތް އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ބުންޏެވެ.