ހިނގަހިނގާ އޮތް ދައުރެއް ބަދަލުކުރެވޭ ކަމަށް ކަނޑައެޅުމަކީ ނުރައްކަލެއް: ޝަމްހީދު
އަދަދު
1 މާރިޗު 2026 | އާދިއްތަ | 3:44
ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން އެޕްރީލް 4، ގައި ނަގާ ފެންނަ ނުފެންނަ ވޯޓާއެކު ހިނގަހިނގާ އޮތް ދައުރެއް ބަދަލުކުރުމަށް ހުށަހެޅުމަކީ ނުރައްކަލެއް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމްހީދު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓުގައި ދެ އިންތިހާބު އެއްކޮށްލާ ސުވާލުގެ އިތުރުން ހިނގަ ހިނގާ ދައުރެއް ބަދަލުކުރެވޭ ގޮތަށް ކަނޑައެޅުމަކީ އެންމެ ނުރައްކާތެރި އިސްލާހު ކަމަށް ދެކޭ ކަމަށެވެ.
"ގާނޫނުއަސާސީއަށް މި ގެންނަ އިސްލާހުގައި އަޅުގަނޑު ތަކުރާރުކޮށް މިދައްކަނީ މިއީ އެންމެ ސުވާލެއް ނޫނޭ ރައްޔިތުންނާ މި ކުރަނީ. ދެ އިންތިހާބު އެއްކުރާ ވާހަކަ އެކަންޏެއް ނޫނޭ މި އިސްލާހުގައި ވަނީ. ހަމައެއާ އެކީގައި މިވަނީ ހިނގަހިނގާ އޮތް ދައުރެއްގެ މުއްދަތު އެއީ ބަދަލުކުރެވޭނެ އެއްޗެއް ގޮތުގައި ކަނޑައެޅުން. މިއީ އަޅުގަނޑު ދެކޭ ގޮތުގައި މީގައި އެންމެ ނުރައްކާތެރި އިސްލާހަކީ،" އޭނާ ވިދާޅުވި އެވެ.