ފްލެޓުތަކުގެ ވެރިންނަށް ދެނީ ރިޝްވަތު ކަމަށް ރައީސް ގަބޫލެއް ނުކުރެއްވި
އަދަދު
2 މާރިޗު 2026 | ހޯމަ | 10:19
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުތަކާ ދިމާކޮށް މާލެހިޔާ އަދި ސިނަމާލޭ ފްލެޓުތަކުގެ ވެރިންނަށް އެމަނިކުފާނު ދޭން ނިންމެވި 16 މިލިއަން ރުފިޔާއަކީ ރިޝްވަތެއް ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ފްލެޓުތަކުގެ ވެރިންނަށް ފައިސާ ދިނުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށާއި އެކަން ފުއްދުން އިންތިހާބަކާ ދިމާވުމަކީ އެމަނިކުފާނުގެ ނިޔަތެއް ނޫން ކަމަށެވެ.
"އެ ބައްދަލުވުމުގައި [ގަލޮޅުގެ ރައްޔިތުންނާއެކު ބޭއްވެވި] އެ ވާހަކަ ނެންގެވީމާ އިތުރު ގިޔަރަކަށް އަޅުގަނޑު ލީ އެކަންތައް. އިތުރު ހިތްވަރެއް އެކަމަށް ލީ ކައުންސިލުން މިކަން ނުކުރިޔަސް ސަރުކާރުން އެކަނި ވެސް ޑައިރެކްޓްލީ ވިޔަސް އެކަން ކުރަން ބޭނުންވެޔޭ،" ރައީސް ވިދާޅުވި އެވެ.