ކައުންސިލްތަކުން ހުއްދަ ނުދިނަސް ބޭނުން މަޝްރޫއުއެއް ހިންގޭ ގޮތަށް ގާނޫނު ބަދަލުކުރީ މި ސަރުކާރުން!
އަދަދު
3 މާރިޗު 2026 | އަންގާރަ | 1:45
ސަރުކާރާ އިދިކޮޅު ފިކުރުގެ ކައުންސިލްތަކުން ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް އަޅާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ތުހުމަތު ކުރެއްވި ނަމަވެސް ކައުންސިލްތައް އެއްފަރާތް ކުރުމަށް ފަހު ސަރުކާރުން ބޭނުންވާ މަޝްރޫއުއެއް ހިންގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ބަދަލު ގެނައިކަން ހާމަވެއްޖެ އެވެ.
ފެބްރުއަރީ 26، ގައި އާޓިފިޝަލް ބީޗުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ތަރާވީހެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ އިދިކޮޅު ފިކުރުތަކުގެ ކައުންސިލްތަކަށް ފާޑުވިދާޅުވެ އެ ފިކުރަށް ވޯޓު ނުދިނުމަށް ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފަ އެވެ. މައިގަނޑު ސަބަބެއްގެ ގޮތުގައި ދެއްކެވީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެފަދަ ކައުންސިލްތަކުން ހުރަސް އެޅުމެވެ.
"57 ރަށެއްގައި އަޅުގަނޑުމެން ފެށި މަސައްކަތްތައް ނުފެށިފައި އެބަހުރި ކައުންސިލްތަކުން، އަޅުގަނޑުމެންނާ ސިޔާސީ ގޮތުން އިދިކީލަ ވިސްނުމުގެ ކައުންސިލްތަކުން ހުއްޓުވާފައި އެކި އުޒުރުތައް ދައްކާފައި ބިން ހަވާލުނުކޮށްގެން. ބިން ހަވާލުކުރަނީ ކައުންސިލްތަކުން،" މުއިއްޒު އެ ރޭ ވިދާޅުވި އެވެ.