މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ޔޫރަޕުން ބޭސް ގެނައުމުގެ ވިސްނުން ސަރުކާރުން ދޫކޮށްލައިފި
އަދަދު
5 މާރިޗު 2026 | ބުރާސްފަތި | 10:55
ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ޔޫރަޕުން ބޭސް ގެނައުމަށްވުރެ މުހިންމީ، ކޮންމެ ގައުމަކުން ނަމަވެސް ކޮލިޓީ ބޭސް އެތެރެ ކުރުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ މިނިސްޓްރީގެ އަމާޒަކީ ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް އެތެރެކުރުން ކަމަށެވެ. ބޭސް އުފައްދާ ގައުމަށްވުރެ ބޭހުގެ ކޮލިޓީ ކަށަވަރު ކުރުން މާބޮޑަށް މުހިންމު ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"ޔޫރަޕަށް ގެންދާ ވަރަށް ގިނަ ބޭހަކީ ވެސް އިންޑިއާގައި އުފައްދާ ބޭސް ނޫނީ ޕާކިސްތާން ނޫނީ އެހެން ތަންތަނުގައި ވެސް އުފައްދާ ބޭސް. މީގައި މުހިންމީކީ އެ އުފައްދާ ތަނެއް، އުފައްދާ ގައުމެއް ނޫން މުހިންމީ. އޭގެ ކޮލިޓީ ކަށަވަރުކުރެވޭ ރަނގަޅު ބޭސް އަޅުގަނޑުމެންނަށް ލިބޭނެކަން ކަށަވަރުކުރުން،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.