އިރާން ހަނގުރާމައިގައި ކެޕްޓަން ޖިނާނުގެ ބިރުވެރި ތަޖުރިބާ: "ސަފީރަށް ގުޅީ އަޅުގަނޑު، އޭގެ ފަހުން އެއްވެސް މުއާސަލާތެއް ނުކުރޭ"
އަދަދު
7 މާރިޗު 2026 | ހޮނިހިރު | 5:31
ފެބްރުއަރީ 28 ވަނަ ދުވަހު ދުބާއީ އެއާޕޯޓުން ނައްޓާލި ފްލައިދުބާއީގެ ފްލައިޓު އިރާނުގެ އިސްފަހާނަށް ލޭންޑުކުރިއިރު ކުރިމަތިވާން މި އުޅެނީ ކިހާ ވަރެއްގެ ނުރައްކާތެރި، ބިރުވެރިކަމަކާތޯ ބޯޓުން ދަތުރުކުރި އެއްވެސް މީހެއްގެ ހިތަށް ވަޒަން ކުރެވިފައި ނެތެވެ. ބޯޓުގެ ކެޕްޓަނަކީ ދިވެހިރާއްޖެއަށް ނިސްބަތްވާ އަހުމަދު ޖިނާން ޝަރީފެވެ.
އެއާޕޯޓަށް ބޯޓު ލޭންޑުކުރިތާ މާ ގިނައިރުތަކެއް ނުވަނީސް އެމެރިކާ އާއި އިޒްރޭލުން އިރާނަށް ބޮން އަޅަން ފެށި އެވެ. ހަނގުރާމަ ފެށުމާއެކު މެދުއިރުމަތީގެ ވައިގެ ސަރަހައްދު އެއްކޮށް ބަންދުކުރުމުން އަނބުރާ ދުބާއީއަށް ކުރަން އޮތް ދަތުރު މުއްދަތެއް ނެތްގޮތަށް ކެންސަލް ކުރަން ޖެހުނެވެ.
އެ ވަގުތުން ފެށިގެން ހަތަރު ދުވަސް ވަންދެން ކެޕްޓަން ޖިނާނާއި އޭނާއާއެކު ދަތުރުކުރި ފަޅުވެރިން ތާށިވެފައި ތިބީ ވޯ ޒޯނެއްގަ އެވެ. އެ މީހުންނަށް އިރާނުގެ ބޯޑަރު ހުރަސްކޮށް އަޒަރުބައިޖާނަށް އެއްގަމު މަގުން ވަދެވުނީ މާޗު 3 ވަނަ ދުވަހު، ހަނގުރާމައަށް ހަތަރުވަނައަށް ވީ ދުވަހު އެވެ. އެ ހަތަރު ދުވަހަކީ އޭނާގެ ހަޔާތުގައި ކުރި އެންމެ ނުރައްކާތެރި އަދި އުނދަގޫ ދަތުރެވެ.