ހަނގުރާމައާ ގުޅިގެން ރާއްޖެއިން އަމަލުކުރާނެ ގޮތުގެ ޕްލޭން ހާމަކުރަންޖެހޭ: އަމްރު
އަދަދު
11 މާރިޗު 2026 | ބުދަ | 2:14
އެމެރިކާ އާއި އިޒްރޭލުން އިރާނަށް ދެމުންދާ ހަމަލާތަކާއި އިރާނުން ގަލްފުގެ ގައުމުތަކާއި އިޒްރޭލަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ރާއްޖެއިން އަމަލުކުރާނެ ގޮތުގެ ޕްލޭން ހާމަކުރަންޖެހޭ ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމްރު ވިދާޅުވީ ހަނގުރާމައިގެ ދަނޑިވަޅު ސަރުކާރުގެ އަމާޒަކަށްވާންޖެހޭނީ ރައްޔިތުން ނިކަމެތިވިޔަނުދިނުން ކަމަށްވާއިރު، އެކަން ކުރާނެ ގޮތެއް މި ދަނޑިވަޅުގައި ސަރުކާރުން ހުރިހާ ރައްޔިތުންނަށް ދެފުށް ފެންނަ ގޮތެއްގައި ހާމަކުރަން ޖެހޭ ކަމަށެވެ.
"ސަރުކާރުން އެބަޖެހޭ މިވާ ގޮތާއި މިކަންކަން ދެން ކުރިއަށްގެންދާނެ ގޮތާއި ސަރުކާރުގެ ޕްލޭނަކީ ކޮބައިކަމާއި އަދި ރައްޔިތުން ނިކަމެތިވިޔަނުދީ މިކަން ކުރުމަކީ ސަރުކާރެއްގެ ވާޖިބު. އެހެންވީމަ މިވަގުތު ރާއްޖޭގެ ރައްޔިތުންނަށްވެސް އަދި ރާއްޖޭގެ ވިޔަފާރިވެރިންނަށްވެސް އެންމެ މުހިންމު ކަމަކީ ސަރުކާރުން އެ މައުލޫމާތުތައް ޓްރާންސްޕޭރެންޓު ގޮތެއްގައި ދިނުން،" އަމްރު ވިދާޅުވި އެވެ.