ހުރިހާ މާރުކޭޓުތަކެއް އެއްކޮށްލާ ޒަމާނީ މާރުކޭޓު އަޅަން 126 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް
އަދަދު
15 މާރިޗު 2026 | އާދިއްތަ | 10:26
މަސް މާރުކޭޓާއި ލޯކަލް މާރުކޭޓު އެއް ފުރާޅެއްގެ ދަށަށް ބަދަލުކޮށް، ތާޒާ މަހާއި މޭވާ އާއި ތަރުކާރީ ވެސް ވިއްކޭ ގޮތަށް "ވެޓް މާކެޓް" އެއް ތަރައްގީކުރުމުގެ މަޝްރޫއު، 126 މިލިއަން ރުފިޔާއަށް ޓްރަސްޓެންގް މޯލްޑިވްސްއާ މިއަދު ހަވާލުކޮށްފި އެވެ.
"މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" ގެ ނަމުގައި ތަރައްގީކުރާ މި އިމާރާތުގެ މަސައްކަތް ހަވާލުކުރިކަން އިއުލާންކޮށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، މި ތަން ތަރައްގީކުރަނީ މަސް މާރުކޭޓު ކުރިމައްޗަށްވާ ގޮތަށް އޮންނަ ލޯކަލް މާރުކޭޓު ހުރި ބިމުގައި ކަމަށެވެ.
ބޭސްމަންޓާއި ޓެރަސް ހިމަނައިގެން ހަ ފަންގިފިލާ ހުންނަ މި އިމާރާތުގެ ބިމުއަޑީ ފަންގިފިލާ ހާއްސަކުރަނީ ޕާކިންއަށެވެ. އެންމެ ތިރީ ފަންގިފިލާގައި ހުންނާނީ މަސް މާރުކޭޓެވެ. މައްޗަށް ދެން ހުރި ތިން ފަންގިފިލާ ހާއްސަކުރަނީ މޭވާ އާއި ތަރުކާރީ އާއި ދިވެހި އުފެއްދުންތަކަށެވެ. އެންމެ މަތީ ފަންގިފިލާ ހާއްސަކުރަނީ ފުޑް އައުޓްލެޓްތަކަށެވެ.