މަސްވެރިންގެ ޕާކުގައި ތިބި ކުޑަކުދިންތަކެއް އެކަށީގެންވާ ސަބަބެއް ހާމަނުކޮށް ދެ ގަޑިއިރަށް ބަންދުކޮށްފި
އަދަދު
16 މާރިޗު 2026 | ހޯމަ | 2:18
ވެރިކަން ހިންގާ މާލޭގެ ކާރުބާރު ބޮޑު މަގުތަކުން އެއްކައިރިވެލައި، މަސްވެރިންގެ ޕާކުގައި ތިބި ކުޑަކުދިންތަކެއް އެކަށީގެންވާ ސަބަބެއް ހާމަނުކޮށް ބަންދުކޮށްގެން ފުލުސް އޮފީހަށް ގެންގޮސްފި އެވެ.
ފުލުހުން އެ ކުދިން ބަންދު ކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ބަންދު ކުރީ ކިތައް ކުދިން ކަމެއް ފުލުހުން ނުބުނެ އެވެ. އަދި އެ ކުދިން ބަންދު ކުރަން ޖެހުނު އެކަށީގެންވާ ސަބަބެއް ވެސް ފުލުހުން ނުބުނެދެ އެވެ. ފުލުހުންގެ ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގައި އެ ކުދިން ދެ ގަޑިއިރު ބޭތިއްބި ކަމަށް އެ ތަނުން ކުއްޖެއްގެ ބެލެނިވެރިއަކު ބުނެ އެވެ.
އަދަދު އިން ސުވާލު ކުރުމުން ފުލުހުން މިއަދު ބުނީ އެ ކުދިން ބަންދު ކުރީ، މަސްވެރިންގެ ޕާކަކީ އެ ކުދިން ކުށަކަށް ހުށަހެޅިދާނެ މާހައުލެއް ކަމަށްވާތީ ކަމަށެވެ.