ރެފެރެންޑަމްގައި ސަރުކާރު ބޭނުންވާ ގޮތަށް ކެމްޕޭން ކޮށްދިނުން ޕީއެސްއެމްއިން ދިފާއުކޮށްފި
އަދަދު
16 މާރިޗު 2026 | ހޯމަ | 5:34
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ މެދުގައި އަންނަ އެޕްރީލް ހަތަރެއްގައި ނަގާ ފެންނަ ނުފެންނަ ވޯޓުގައި ހަމައެކަނި ސަރުކާރުން ބޭނުންވާ ގޮތަށް ކޮށްދެމުންދާ ކެމްޕޭން ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ދިފާއުކޮށްފި އެވެ.
މި ފެންނަ ނުފެންނަ ވޯޓުގައި މުއިއްޒުގެ ސަރުކާރުން ބޭނުންވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށެވެ. ނަމަވެސް، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބައެއް ބޭފުޅުންނާއި، މަޖިލީހުގެ ކުރީގެ މެންބަރުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި ބައެއް އެހެން ޕާޓީތަކުން ވެސް ވަނީ މި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދިނުމަށް ގޮވާލާފަ އެވެ.
ޕީއެސްއެމްއިން މި ރެފެރެންޑަމްގައި ވަކި ކޮޅެއް ނަގައިގެން ކެމްޕޭން ކޮށްދޭތީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށް ހަމަހަމަ ފުރުސަތު ދިނުމަށް އެދި އެ ކުންފުންޏަށް ސިޓީއެއް ފޮނުވާފަ އެވެ. ނަމަވެސް އެ ސިޓީގައި ވަނީ އެމްޑީޕީގެ ކަންބޮޑުވުންތަކަށް އިޖާބަ ނުދީ އެ ކުންފުނިން އަމަލުކުރަމުން އަންނަ ގޮތް ދިފާއުކޮށްފަ އެވެ.