ކަސްޓަމްސް އާއި ކަރެކްޝަންސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި
އަދަދު
17 މާރިޗު 2026 | އަންގާރަ | 10:55
ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް އެއްހަމަ ކުރުމުގެ ސިޔާސަތުގެ ދަށުން ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް މި މަހުން ފެށިގެން ބޮޑުކުރަން ނިންމައިފި އެވެ.
މި ދެ މުއައްސަސާގެ މުސާރަތައް ބޮޑު ކުރުމަކީ މި އަހަރަށް ފާސްކުރި ބަޖެޓުގައި ޕޭ ހާމަނައިޒް ކުރަން ހަރަދުކުރާ 1.6 ބިލިއަން ރުފިޔާގެ ތެރޭގައި ބަޖެޓުކޮށްފައި އޮތް ކަމެކެވެ. މިހެން ނަމަވެސް، ފުރަތަމަ ދެ މަހު މިކަން ތަންފީޒުނުކޮށް ތިބެފައި، މި ބަދަލު ގެނެސްފައި މި ވަނީ އަންނަ މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއި ރެފަރެންޑަމް ވޯޓު ބޯމަތިވެފައި އޮއްވަ އެވެ.
މިކަމާ ގުޅިގެން އަދަދު ނޫހުން ވާހަކަ ދެއްކި ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ އިންތިހާބު ކުރިމަތީގައި އޮއްވާ މި ބަދަލު ގެނައުން ސިފަކުރީ އިއްތިފާގެއްގެ ގޮތުގަ އެވެ. އޭނާ ބުނި ގޮތުގައި މިއީ އެ މުއައްސަސާތަކުގެ މުސާރަތައް ބޮޑުކުރަން ތާވަލުކުރި ޕްލޭނާ އެއް ގޮތަށް ގެނެސްފައިވާ ބަދަލެކެވެ.