ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ޓެކްސީގެ އަގުތައް މުރާޖާ ކުރުމަށް ސަރުކާރަށް ގޮވާލައިފި
އަދަދު
17 މާރިޗު 2026 | އަންގާރަ | 3:36
ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ ދިޔުމާ ގުޅިގެން މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތްދޭ އަގުތައް މުރާޖާ ކުރުމަށް ޓެކްސީ އެސޯސިއޭޝަންގެ ފަރާތުން ސަރުކާރަށް ގޮވާލައިފި އެވެ.
އެ އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ތެލުގެ އަގަށް އެސްޓީއޯއިން ގެނައި ބަަދަލާ ގުޅިގެން އިގުތިސާދީ ގޮތުން އެތައް ދަތިތަކެއް ޓެކްސީ ޑްރައިވަރުންނަށް ކުރިމަތިވެފައިވާ ކަމަށެވެ. އަދި، ޓެކްސީގެ ހިދުމަތް ދިނުމުގައި ޑްރައިވަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ސަރުކާރުތަކުން އަޅާފައި ނުވާ ކަމަށް ޓެކްސީ އެސޯސިއޭޝަނުން ބުންޏެވެ.
"ތެލުގެ އަގު އުފުލުމާ ގުޅިގެން ޓެކްސީ ދަތުރުތަކުގެ އަގުތައް މުރާޖާކޮށް އިންސާފުވެރި ބަދަލެއް ގެނައުމަށް ޑްރައިވާސް އެސޯސިއޭޝަނުން ސަރުކާރަށް ގޮވާލާމެވެ، އަދި މިކަމާ ގުޅޭގޮތުން ކަމާބެހޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާކުރުމަށް މި ޖަމިއްޔާއިން މިހާރު ވާނީ ޓްރާންސްޕޯޓް މިނިސްޓްރީގައި ރަސްމީކޮށް އެދިފައެވެ." ޓެކްސީ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުންޏެވެ.