ޗައިނާގެ ހިލޭ އެހީގައި މާލޭގެ މަގުތައް ތަރައްގީކުރަން ފެށޭނެ ތާރީހެއް މިހާރު ސަރުކާރަކަށް ނޭނގޭ!

އަދަދު

23 މާރިޗު 2026 | ހޯމަ | 8:28

މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ރާވާފައިވާ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ވަކި ތާރީހެއް އަދިވެސް ކަނޑައެޅިފައި ނެތް ކަމަށް އިންފްރާސްޓަރަކްޗާ މިނިސްޓްރީން ބުނެފި އެވެ.

ޗައިނާގެ ހިލޭ އެހީގައި މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު 2024 ގައި ފަށާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި އެވެ. އެއަށް ފަހު އިންފްރާސްޓަރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބު ވިދާޅުވެފައި ވަނީ 2025 ގައި މަޝްރޫއު ފަށާނެ ކަމަށެވެ. މި މަޝްރޫއުގެ ފީސިބިލިޓީ ހެދުމަށް ބަޔަކާ ހަވާލުކުރިތާ ވެސް ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަދަދު ނޫހުން ހުށަހެޅި ސުވާލުތަކަށް އިންފްރާސްޓަރަކްޗާ މިނިސްޓްރީން ދިން ޖަވާބުގައި ބުނީ މަގު ހެދުމުގެ މަޝްރޫއު ފެށުން ލަސްވަމުންދަނީ، ޗައިނާ ސަރުކާރުން ފުރިހަމަކުރަންޖެހޭ އިދާރީ ހުއްދަތައް ހޯދުމުގެ މަރުހަލާތަކަށް ވަގުތު ބޭނުންވާތީ ކަމަށެވެ.

މައުޟޫޢުތަށް