ސައީދު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖެ ބަނގުރޫޓުނުވުމަކީ ބޮޑު ކާމިޔާބީއެއް
އަދަދު
24 މާރިޗު 2026 | އަންގާރަ | 10:05
ދިވެހިރާއްޖެ ބަނގުރޫޓުނުވުމަކީ ރައީސް މުހައްމަދު މުއިއްޒު އާއި ދިވެހިރައްޔިތުންނަށް ލިބެމުންދާ ކާމިޔާބެއް ކަމަށް އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ގައުމު ބަނގުރޫޓުނުވުމަކީ ކާމިޔާބެއް ކަމަށާއި ބަނގުރޫޓުނުވެ ހިފެހެއްޓެނީ މުއިއްޒުގެ "ފުރިހަމަ ވިސްނުންފުޅު" ގެ ސަބަބުން ކަމަށެވެ.
"މި ސަރުކާރަށް އަމާޒުކޮށް އެންމެ ބޮޑަށް ދެއްކި ވާހަކަ އެއީ އިދިކޮޅު ފަރާތްތަކުން، މިހާރު ވެސް ދައްކާ ވާހަކައެއް، މާދަމާ ރާއްޖެ ބަނގުރޫޓުވާނެ ވާހަކަ، އަނެއް ދުވަހުން ބަނގުރޫޓުވާނެ ވާހަކަ، އަނެއް ދުވަހު ފައިސާ ހުސްވާނެ ވާހަކަ. އެކަމަކު އިރާދަކުރެއްވިއްޔާ ނުވެއެއްނޫންތޯ އެހެނެއް [ބަނގުރޫޓެއް]. ދެން އެއީ ދިވެހި ރައްޔިތުންގެ ކާމިޔާބު. މިއަދުގެ ރައީސްގެ ފުރިހަމަ ވިސްނުންފުޅާއި ކެތްތެރިކަމާއެކު ކުރައްވާ މަސައްކަތުގެ ނަތީޖާ،" މިނިސްޓަރު ވިދާޅުވި އެވެ.