ހުޅުމާލޭގައި 10 ފަންގިފިލާއަށް އިމާރާތް ކުރެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި
އަދަދު
25 މާރިޗު 2026 | ބުދަ | 12:28
ހުޅުމާލޭގެ ދެ ފިޔަވަހިން އަމިއްލަ މީހުންނަށް ދިރިއުޅެން ދޫކޮށްފައި ހުރި ގޯތިތަކުގައި 10 ފަންގިފިލާއަށް އިމާރާތް ކުރުމަށް ހުއްދަ ދިނުމުގެ ގޮތުން ހުޅުމާލޭގެ ޑިވެލޮޕްމަންޓު ކޮންޓްރޯލް ކަނޑައެޅުމުގެ ގަވާއިދުގެ މިއަދު ޕްލޭނިން މިނިސްޓްރީން ގެޒެޓުކޮށްފި އެވެ.
އެ ގަވާއިދުގައި ބުނާ ގޮތުން 10 ބުރިއަށް ނަގާ އިމާރާތްތަކުގައި ތިރީ ފަންގިފިލާ (ބޭސްމަންޓު) ހާއްސަކުރަން ޖެހެނީ ޕާކިންއަށެވެ. އަދި ފުރަތަމަ ފަންގިފިލާ ހާއްްސަކުރަން ޖެހެނީ މީހުން ދިރިއުޅުން ނޫން އެހެން ބޭނުމަކަށެވެ.
މި ހުއްދަ ދޫކުރަނީ އެކި ޒޯނުތަކުގައި ހުރި ގޯތިތަކުގެ ބޮޑުމިނަށް ބެލުމަށް ފަހު އެވެ. 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދެނީ 901 އަކަފޫޓަށްވުރެ ބޮޑު ގޯތީގަ އެވެ. ލިފްޓު ހަރުނުކޮށް އެންމެ އުސްކޮށް އިމާރާތް ކުރެވެނީ ފަސް ފްލޯއަށެވެ.