ރެފަރެންޑަމްގެ އިޖުރާއަތުތައް ގެންދަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި
އަދަދު
25 މާރިޗު 2026 | ބުދަ | 2:53
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނަގާ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ އިޖުރާއަތްތައް ކުރިއަށް ގެންދަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ އަލީ ހުސެއިން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި އެވެ.
ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ހުށަހެޅި މައްސަލަ ބަލައިނުގަންނަން ނިންމީ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ރައުދާ ހައިދަރު އެވެ. އޭނާގެ ނިންމުމުގައި ވިދާޅުވެފައި ވަނީ އެ މައްސަލަ ބިނާކޮށްފައިވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.
އަލީ ހުސެއިން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ބިލެއް ތަސްދީގު ކުރަން ނުވަތަ އަނބުރާ ފޮނުވާލަން ގާނޫނުއަސާސީ އިން ރައީސްއަށް ލިބިދޭ 15 ދުވަހުގެ މުއްދަތު ހަމަވެފައިވާތީ އެ ބިލު މިހާރު ބާތިލްވެފައިވާ ކަމަށެވެ.