މަދަނީ ޖަމިއްޔާތަކުގެ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

އަވަސް

28 މޭ 2025 | ބުދަ | 4:50

ރަޖިސްޓަރީކޮށްގެން ހިންގާ މަދަނީ ޖަމޮއްޔާ ޖަމާއަތްތަކުން ރާއްޖޭގެ މުޖުތަމައު ބާރުވެރިކުރުމުގެ ގޮތުން ހިލޭސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް އެ ޖަމިއްޔާތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިނުމަށް ކަނޑައަޅާފައިވާ "ސިވިލް ސޮސައިޓީ އެވޯޑް" އަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

މި އިނާމަކީ އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރި ކުރުވުމަށް އަމިއްލަ އިސްނެގުމުގެ މަތީން، ތަފާތު ގޮތްގޮތުން އެ ޖަމިއްޔާއެއް ނިސްބަތްވާ މުޖުތަމައުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް ހިލޭސާބަހަށް މަސައްކަތް ކުރުމުގައި މަދަނީ ޖަމިއްޔާތަކުގެ ތެރެއިން ނަމޫނާ ދައްކުވައިދޭ ފަދަ މަސައްކަތްތައް ކޮށްފައިވާ ޖަމްއިއްޔާ ތަކަށް ދެވޭ އިނާމެކެވެ. މި އިނާމުގެ ސަބަބުން ޖަމިއްޔާތަކުން ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަކުރެވިގެންދާނެ ކަމަށް ޔޫތު މިނިސްޓްރީން ދެކެ އެވެ. މަދަނީ ޖަމިއްޔާތަކުގެ އިނާމު ލިބޭ ފަރާތްތަކަށް، ޖަމިއްޔާތަކަށް ދެވޭ ހާއްސަ އެވޯޑާއި، ސެޓްފިކެޓެއް ދިނުމަށް ހަމަޖެހިފައިވެ އެވެ. މިއެވޯޑަށް ނަން ހުށަހެޅުމަށް ޝައުގުވެރިވާ ޖަމިއްޔާތަކަށް އެ ފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ ޖުލައި 10ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00ގެ ކުރިން ޔޫތު މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ އެ މިނިސްޓްރީގެ އީމެއިލްއަށެވެ.

މައުޟޫޢުތަށް