ބަންޑާރަނައިބުގެ އޮފީހުގެ ބިލް ތަސްދީގު ކުރައްވައިފި
އަވަސް
29 މޭ 2025 | ބުރާސްފަތި | 6:06
ބަންޑާރަނައިބުގެ އޮފީހަކީ ސިވިލް ސާވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއްގެ ގޮތުގައި ހިންގަން އެކުލަވާލާފައިވާ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މި ބިލަށް ގެނައި ބައެއް އިސްލާހުތަކާ އެކު މި ބިލް މަޖިލީހުން ފާސްކުރީ މިމަހުގެ 15 ވަނަ ދުވަހު ޕީއެންސީގެ 64 މެންބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީން ބިލަށް ގެނައި މައިގަނޑު އިސްލާހަކީ ޝަރަފުވެރިކަމާއެކު ރިޓަޔާވެވޭ އުމުރު 20 އަހަރަށް ކުރުކުރުމެވެ. ބިލް ހުށަހެޅިއިރު އޮތީ ރިޓަޔާވެވޭ އުމުރުން 25 އަހަރު ކަމުގައި ކަނޑައަޅާފަ އެވެ. ބިލް ކުރިން އޮތް ގޮތުން އިނާޔަތާއެކު ޝަރަފްވެރިކަމާއެކު ރިޓަޔާވެވޭނީ އެ އޮފީހުގައި 25 އަހަރު ދުވަހަށް ވުރެ ގިނަ ދުވަހު މުއްދަތަކަށް ހިދުމަތް ކުރުމަށް ފަހުގަ އެވެ. މިބަދަލާ އެކު ބަންޑާރަ ނައިބު އޮފީހުގައި 10 އަހަރު ހޭދަކޮށްފައިވުމާއެކު ދައުލަތުގެ އެހެން އިދާރާއެއްގައި ހިދުމަތް ކުރި މުއްދަތު 20 އަހަރު ނުވަތަ އެއަށް ވުރެ ދިގުވާނަމަ ވެސް ޝަރަފްވެރިކަމާއެކު ރިޓަޔާ ވެވޭނެ އެވެ. ކޮމިޓީން ބިލަށް ގެނައި ދެވަނަ އިސްލާހަކީ ސޮލިސިޓާ ޖެނެރަލްގެ މަގާމު އުވާލުމަށްފަހު ޑެޕިއުޓީ އެޓާނީ ޖެނެރަލެއް ހުންނަ ގޮތަށް ހިމެނުމެވެ. އެ މަގާމަށް ބޭފުޅުން އައްޔަންކުރައްވައި ވަކިކުރާނީ ބަންޑާރަ ނައިބުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. މަޖިލީހުގެ ތަޅުމުގައި ބިލަށް ގެނައި އިސްލާހަކީ ބަންޑާރަނައިބް އޮފީހުގެ މުވައްޒަފުންގެ ގޮތުގައި ބަލާނީ ޑެޕިއުޓީ އެޓާނީ ޖެނެރަލާއި ސެކްރެޓަރީ ޖެނެރަލާއި ލީގަލް ސާވިސް އަދި އެޑްމިނިސްޓްރޭޓިވް ސާވިސް މުވައްޒަފުން ކަމަށް ބުނެ ގެނައި އިސްލާހެކެވެ. ބިލް ހުށަހެޅި ބޭނުމުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ގާނޫނުއަސާސީގެ ދަށުން ބަންޑާރަނައިބުގެ މަގާމަށް އައްޔަންކުރެވޭ މީހެއްގައި ހުންނަންޖެހޭ ޝަރުތުތަކާއި ބަންޑާރަނައިބުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބަންޑާރަނައިބު ތަބާވާންޖެހޭ ހަމަތައް ކަނޑައެޅުމެވެ. ބަންޑާރަނައިބާ މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހުގެ ނަމުގައި ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއް ގާއިމުކޮށް އެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި އެ އޮފީސް ހިންގުމާގުޅޭ އުސޫލުތަކާއި އެ އޮފީހުގެ މުވައްޒަފުންނާ ގުޅޭ އެންމެހައި އުސޫލުތައް ކަނޑައެޅުމަކީވެސް ބިލް ހުށަހެޅުމުގެ ބޭނުމުގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ. ބަންޑާރަނައިބުގެ އޮފީސް މިހާރު ހިންގަނީ ސިވިލް ސާވިސްގެ ދަށުންނެވެ. މި ބިލް މަޖިލީހަށް ހުށަހަޅާފައިވާއިރު ފޮރިން މިނިސްޓްރީވެސް ސިވިލް ސާވިސް އިން ވަކިކޮށް ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއްގެ ގޮތުގައި ގާނޫނަކުން ވަނީ ކަނޑައަޅާފަ އެވެ.