ނައިބް ރައީސްގެ ތަޖިކިސްތާން ދަތުރުފުޅު ނިންމަވާލައްވައިފި

އަވަސް

31 މޭ 2025 | ހޮނިހިރު | 10:54

ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް، ތަޖިކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.

މިދަތުރުފުޅަކީ "ހައި-ލެވަލް އިންޓަނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއަސް ޕްރިޒަވޭޝަން"ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެ ގައުމަށް ކުރެއްވި ދަތުރުފުޅެކެވެ. ކޮންފަރެންސްގެ އިފްތިތާހީ ޖަލްސާގައި ނައިބް ރައީސް އިއްވެވި ބަޔާނުގައި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގައި އާއި ގްލޭޝިއަތައް ނެތިދިއުމުގެ މައްސަލައިގައި، ބައިނަލްއަގްވާމީ ފެންވަރުގައި، އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ. މިބަޔާނުގައި ގްލޭޝިއަތައް ނެތިގެންދާ ހަލުވިދުވެއްޔާއި އެކަމުގެ ސަބަބުން ނިކުންނާނޭ ނަތީޖާ ތަކަކީ ދިވެހިރާއްޖެއިން އިންތިހާއަށް ކަންބޮޑުވާ ކަންތައްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މި ދަތުރުފުޅުގައި ނައިބް ރައީސް ވަނީ ތަޖިކިސްތާނުގެ ބޮޑުވަޒީރު ގަހީރު ރަސޫލްޒޮދާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސްއާއި ބޮޑުވަޒީރު ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމަށްވެސް ފައިދާ ހުރި ދާއިރާތަކުގައި އެކުގައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. މި ދަތުރުފުޅަކީ ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް ބައިނަލްއަގްވާމީ މުޖުތަމައުގައި އިތުރަށް ހާމަކޮށްދިނުމަށާއި، ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރާ ގައުމުތަކާއެކު ރާއްޖޭގެ ގުޅުން ހަރުދަނާ ކުރުމަށް ލިބުނު އަގުހުރި ފުރުސަތެކެވެ.

މައުޟޫޢުތަށް