ރާއްޖޭ ޔޫކޭ މަޝްވަރާތަކުގައި އެފްޓީއޭގެ ވާހަކަ ނެތުމުން ކަންބޮޑުވެއްޖެ

އަވަސް

1 ޖޫން 2025 | އާދިއްތަ | 2:06

ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޑިއުޓީ މުޅިން ކަނޑާލުމަށް ބޭނުންވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން އިނގިރޭސިވިލާތާ އެކު އެއްބަސްވެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ފެށި މަޝްވަރާތަކުގެ ވާހަކަ، މިދިޔަ ހަފުތާގައި ބޭއްވި މޯލްޑިވްސް- ޔޫކޭ ޑަޔަލޮގުގެ ބައްދަލުވުމުގައި ހިމަނާފައި ނުވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޝާހިދު ވިދާޅުވީ ރައީސް ސާލިހްގެ ސަރުކާރުން ކުރި މަސައްކަތުން އިނގިރޭސިވިލާތަށް ރާއްޖެއިން ބޭރުކުރާ މަހަށް ނަގަމުން އައި ޑިއުޓީ 24 ޕަސަންޓުން 20 ޕަސަންޓަށް 2020 ގައި ދަށްކުރި ކަމަށެވެ. އަދި އެ ޑިއުޓީ މުޅިން ކަނޑާލުމަށް ދެ ގައުމުގެ ދެމެދުގައި ފްރީ ޓުރޭޑް އެގްރީމަންޓެއް ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި އޭރު ކުރިއަށް ގެންދެވުނު ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. "މިފަހަރުގެ ޑައަލޮގުގައި އެކަން އުނިކޮށްފައިވާ ސަބަބު ސަރުކާރުން ރައްޔިތުންނަށް ހާމަކޮށް ދެއްވުމަށް ގޮވާލަމެވެ،" ޝާހިދު ވިދާޅުވި އެވެ. މިމައްސަލައިގައި އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދައި މިއަހަރު ތަންފީޒު ކުރުމާ ހަމައަށް އެ މަސައްކަތް ދިޔަ ކަމަށެވެ. މި އެއްބަސްވުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލެއް ގެންނާނެ އެއްބަސްވުމެއް ކަމަށްވެސް އެމްޑީޕީން ދެކެ އެވެ. ރާއްޖެއިން ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓް މަހުގެ 50 ޕަސަންޓް އެތެރެކުރަނީ އިނގިރޭސިވިލާތަށް ކަމަށް ފާހަގަކޮށް މިބަޔާނުގައި ބުނެފައިވަނީ ދިވެހި މަހަށް އިނގިރޭސިވިލާތުން އެއްވެސް ޑިއުޓީއެއް ނުނެގުމަކީ މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު މަތިކުރެވޭނެ ކަމެއް ކަމަށެވެ. "މިއުއްމީދުގައި ރައްޔިތުން ތިބި ހިނދި މިދިޔަ ހަފްތާގައި ބޭއްވި މޯލްޑިވްސް ޔޫކޭ ޑަޔަލޮގުގެ ބައްދަލުވުމުގައި އެފްޓީއޭގެ ވާހަކަ ހިމަނާފައި ނުވާކަން ވަނީ ހާމަވެފަ އެވެ. މިއީ އެމްޑީޕީން ނިހާޔަތަށް ކަންބޮޑުވާ ކަމެކެވެ." ބަޔާނުގައިވެ އެވެ.

މައުޟޫޢުތަށް