ކުޅުދުއްފުށީގެ ފެނުގެ ނިޒާމުގެ ހަކަތަ އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުކުރަނީ
އަވަސް
1 ޖޫން 2025 | އާދިއްތަ | 10:00
ހދ. ކުޅުދުއްފުށީގެ ފެން އުފައްދާ ނިޒާމަށް ބޭނުންވާ ހުރިހާ ހަކަތައެއް އިރުގެ ހަކަތައަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތުގެ އެއްބަސްވުމުގައި މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި ޖަޕާންގެ ކެނެޑޭވިއާ ކޯޕަރޭޝަން އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މީރުމާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުހައްމަދެވެ. ކެނެޑޭވިއާ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޓަކެށީ އައިބާ އެވެ. މިރަސްމިއްޔާތުގައި ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އިށިގާމީ ރުމިކޯ، މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީގެ ޗެއާޕާސަން ޝަމްހޫޒާ އަޙްމަދު، އަދި ކުންފުނީގެ ބޯޑް ޑިރެކްޓަރުންނާއި ދެ ކުންފުނީގެ އިސް މުވައްޒަފުންގެ އިތުރުން ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އެމްޑަބްލިޔުއެސްސީ އިން ބުނި ގޮތުގައި މި މަޝްރޫއުގައި ދުވާލަކު 500 ކިޔުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ އާރްއޯ ޕްލާންޓެއް ބެހެއްޓުމާއި 500 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއް ގާއިމްކުރުމާއި 1،450 ކިލޯވޮޓްއަވާގެ ބެޓެރީ ސިސްޓަމެއް ހިމެނެ އެވެ.
ކުޅުދުއްފުށީގެ ފެނުގެ ނިޒާމު 100 ޕަސެންޓް އިރުގެ ހަކަތައަށް ބަދަލުކުރުމަށް ހިންގޭ މި މަޝްރޫއަށް ދާނެ ކަމަށް ލަފާކުރެވޭ ޖުމްލަ ހަރަދުގެ 27 ޕަސެންޓަކީ ޖަޕާނުގެ ގްލޯބަލް އެންވަޔަރަންމަންޓް ސެންޓާ ފައުންޑޭޝަން (ޖީއީސީގެ) ހިލޭ އެހީ އެވެ. މީގެ އިތުރުން ޖަޕާނުގެ ކުންފުންޏެއް ކަމުގައިވާ ކެނެޑޭވިޔާގެ ފަރާތުންވެސް މަޝްރޫއަށް ބޭނުންވާ ޖުމްލަ ހަރަދުގެ 27 ޕަސެންޓް ހިއްސާކުރާނެ އެވެ. މަޝްރޫއަށް ހިނަގާނެ ކަމަށް ލަފާކުރެވޭ ޖުމްލަ ހަރަދުގެ 46 ޕަސެންޓް ހިއްސާ ކުރާނީ އެމްޑަބްލިޔުއެސްސީ އިންނެވެ. މިމަޝްރޫއުގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތައާއި ބެހޭ ސިޔާސަތުތަކުގެ އިތުރުން އދގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައްވެސް ހާސިލުކުރުމަށް މަގުފަހިވެގެންދާނެ އެވެ. އަދި ރާއްޖެއަށް އިމްޕޯޓްކުރާ ފޮސިލް ފިއުލް އެތެރެކުރާ މިންވަރު ދަށްކޮށް ކުންފުނިން ދެމުން ގެންދާ ޔޫޓިލިޓީ ހިދުމަތްތަކާއި އަދި އޮޕަރޭޝަންތަކުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް އެހީތެރިވެދޭނެކަން އެމްޑަބްލިޔުއެސްސީ އިން ފާހަގަކުރެ އެވެ.