މާލީ އިދާރާތަކަށް ލައިސަންސް ދެނީ ގާނޫނީ މަރުހަލާތައް ފުރިހަމަކޮށްފައި: އެމްއެމްއޭ

އަވަސް

2 ޖޫން 2025 | ހޯމަ | 8:32

މާލީ އިދާރާއަކަށް ލައިސަންސް ދޫކުރާނީ ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން ކަމުގައި މަރުކަޒީ ބޭންކް -- އެމްއެމްއޭ އިން ބުނެފި އެވެ.

އެމްއެމްއޭ އިން މިހެން ބުނެފައި މިވަނީ ރާއްޖޭގައި ބޭންކިންގެ ހިދުމަތް ދިނުމަށް ބޭނުންވާ ޕްރީ-އޮޕަރޭޝަނަލް ހުއްދަ ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް – ބީއައިސީ ބޭންކް މޯލްޑިވްސްގެ ނަމުގައި ޓިއަ 1 ބޭންކެއް ގާއިމުކުރުމަށް ހުއްދަ ދިން ގޮތާ މެދު ސުވާލު އުފައްދައި ރާއްޖޭގެ ނޫހެއްގައި މިއަދު ޝާއިއުކުރި ހަބަރަކާ ގުޅިގެންނެވެ. އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ބޭންކިންއާ ބެހޭ ގާނޫނުގެ ދަށުން އެ އޮތޯރިޓީން ބޭންކެއް ހިންގުމަށް ލައިސަންސް ދޫކުރުމުގައި އަމަލުކުރަނީ ތިން މަރުހަލާއަކަށް ކަމަށެވެ. އެއީ ލައިސަންސް ނަގަން ބޭނުންވާ ފަރާތަށް ފުރިހަމަކުރަންޖެހޭ ކަންކަމުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ މަރުޙަލާ އާއި، ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމުގެ މަރުހަލާގެ އިތުރުނ ްލައިސަންސް ދިނުމުގެ މަރުހަލާ އެވެ. އެމްއެމްއޭ އިން ބުނީ ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމުގައިއެ އޮތޯރިޓީން ބަލަނީ ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ މާލީ ގާބިލްކަމަށާއި، ސޯސް އޮފް ކެޕިޓަލް އަށާއި، ހިއްސާދާރުންނާއި ސީނިއަ މެނޭޖްމެންޓްގެ ފިޓް އެންޑް ޕްރޮޕަ އަށާއި، ހުށަހަޅާފައިވާ ބިޒްނަސް ޕްލޭނަށް ކަމަށެވެ. "މި މަރުހަލާގައި ހުށަހެޅުން ފުރަތަމަ ވަޒަންކުރާނީ މި އޮތޯރިޓީގެ ލައިސަންސިން ސެކްޝަނުންނެވެ. މި ސެކްޝަނުން ހުށަހެޅުން ވަޒަންކުރުމަށްފަހު، އެ ހުށަހެޅުމާއި އެ ސެކްޝަނުގެ ލަފާ ގެންދާނީ މި އޮތޯރިޓީގެ 'އެޑްވައިޒަރީ ކޮމިޓީ އޮން ފައިނޭންޝަލް އިންސްޓިޓިއުޝަން ލައިސަންސިން' އަށެވެ. އަދި މި ކޮމިޓީން ހުށަހެޅުން ވަޒަންކުރުމަށްފަހު، އެ ކޮމިޓީގެ ލަފަޔާއެކު ގަވަރުނަރަށް ހުށަހެޅުމުން، އެ ހުށަހެޅުން އޮތޯރިޓީގެ ބޯޑަށް ހުށަހަޅައި، ލައިސަންސް ދިނުމާގުޅޭ ގޮތުން ގޮތެއް ނިންމާނީ އޮތޯރިޓީގެ ބޯޑުންނެވެ،" ބީއައިސީ ބޭންކް މޯލްޑިވްސްއަށް އެމްއެމްއޭ އިން މިފަހުން ހުއްދަ ދިނީ އެ އޮތޯރިޓީގެ ބޯޑުން އެ ބޭންކުގެ ކުރީގެ ހުށަހެޅުމެއް ބަލައިނުގަތުމަށް ކުރިން ނިންމާފައިވަނިކޮށް ކަމަށް ނޫހެއްގައި ރިޕޯޓްކޮށްފައިވާތީ އަމަލުކުރަމުންދާ އުސޫލު ސާފުކޮށްދެމުން އެމްއެމްއޭގެ ބަޔާނުގައި ބުނެފައިވެ އެވެ. އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީގެ ބޯޑުން ލައިސަންސް ދިނުމަށް ނިންމައިފިނަމަ، ލައިސަންސަށް އެދި ހުށަހެޅި ފަރާތަށް ފުރަތަމަ ދޫކުރާނީ "ކޮންޑިޝަނަލް" ހުއްދައެއް ކަމަށެވެ. "މީގެ ބޭނުމަކީ ވަކި ކަންކަމެއް ފުރިހަމަ ކުރުމަށް މިސާލަކަށް ކުންފުނި ރަޖިސްޓާ ކުރުމަށާއި، އައިޓީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށާއި، ތަން އޮޕަރޭޝަނަލައިޒްކުރުމަށް މުއްދަތެއް ދިނުމެވެ. އަދި މި މުއްދަތުގެ ތެރޭގައި ބޭންކުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްފިނަމަ އޮތޯރިޓީން އެތަނެއް އެސެސްކުރުމަށްފަހު އޮޕަރޭޝަން ފެށުމަށް ލައިސަންސް ދޫކުރާނެ އެވެ،" ބަޔާނުގައިވެ އެވެ. ބޭންކިން ލައިސަންސައކަށް އެދި ހުށަހަޅާ ހުށަހެޅުމަކަށް އެ އޮތޯރިޓީގެ ބޯޑުން ހުއްދަ ނުދިނުމަށް ނިންމި ނަމަވެސް އަލުން ލައިސަންސަށް އެދި ހުށަހެޅުމުގެ ކުރިން "ކޫލިން އޯފް ޕީރިއަޑް"އެއް ގާނޫނުން ލާޒިމުނުކުރާތީ، އަލުން ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު އެފަދަ ފަރާތަކަށްވެސް އޮންނާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އެގޮތުން އަލުން ލައިސަންސަށް އެދި ހުށަހެޅުމުން އާ އެޕްލިކޭޝަނެއްގެ ގޮތުގައި އެ ހުށަހެޅުން ވަޒަންކުރުމަށްޓަކައި މުޅި އިވެލުއޭޝަން މަރުހަލާ އަލުން ހިންގާނެ ކަމަށްވެސް ބުންޏެވެ. ލައިސަންސް ދޫކުރެވޭނީ އިވެލުއޭޝަންގެ ހުރިހާ މަރުހަލާތަކެއް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވާ ކަމަށް ބޯޑުން ނިންމައި، ލައިސަންސް ދިނުމަށް ބޯޑުން ނިންމުމުން ކަމަށްވެސް ބުންޏެވެ. "މާލީ ދާއިރާ ހަރުދަނާކަންމަތީ ކުރިއަށް ގެންދިއުމަށާއި މި ދާއިރާގެ ނަޒާހަތްތެރިކަން ހުރިހާ ހަރުފަތެއްގައިވެސް ގާއިމުކުރާކަން ކަށަވަރުކުރުމަކީ މި އޮތޯރިޓީން އަބަދުވެސް އެންމެ އިސް އަހަންމިއްޔަތުކަމެއްދޭ ކަންކަމެވެ. މިގޮތުން ދިވެހިރާއްޖޭގައި އޮޕަރޭޓުކުރުމަށް މާލީ އިދާރާއަކަށް މި އޮތޯރިޓީން ލައިސަންސް ދޫކުރާނީ ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން ކަމުގައި މި އޮތޯރިޓީން ޔަޤީންކަން އަރުވަމެވެ،" ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

މައުޟޫޢުތަށް