އޮސްޓްރޭލިއާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވައިފި
އަވަސް
2 ޖޫން 2025 | ހޯމަ | 9:00
އޮސްޓްރޭލިއާގެ އެމްބަސީއެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަދު ހުޅުވައިފި އެވެ.
އެމްބަސީ ގާއިމުކޮށްފައިވަނީ މާލޭގައި ހުންނަ އެންމެ ބޮޑު އެއް ހޮޓެލް -- ހޮޓެލް ޖެންގައެވެ. އެމްބަސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ތަން ރަސްމީކޮށް ހުޅުއްވައިދެއްވީ އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެވެ. މިރަސްމިއްޔާތުގައި އޮސްޓްރެލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސް ވެސް ބައިވެރިވެވަޑައިގަތެވެ. މިރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ އޮސްޓްރެލިއާ އަކީ ރާއްޖެއާ އަބަދުވެސް ގާތްގުޅުމެއް ބާއްވާ ގައުމެއް ކަމަށާއި އެމްބަސީއާ އެކު އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. މިރަސްމިއްޔާތުގައި ޕްރައިމް މިނިސްޓަރު ރިޗާޑް މާލްސް ވިދާޅުވީ ރާއްޖޭގައި އެމްބަސީއެއް ގާއިމުކުރުމުން އެނގިގެންދަނީ އޮސްޓްރޭލިޔާއިން ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާ މިންވަރު ކަމަށެވެ. އޮސްޓްރޭލިއާ އިން ރާއްޖެއަށް ބޭނުންވާ އެކި ދާއިރާތަކުން ތައުލީމާއި ތަމްރީންގެ ގިނަ ފުރުސަތުތަކެއް ފަހިކޮށްދީފައިވާ ކަން ފާހަގަކުރައްވަމުން ރިޗާޑް ވިދާޅުވީ މިހާތަނަށް 700 އަށް ވުރެ ގިނަ ދިވެހިން އޮސްޓްރޭލިއާ އިން ތަމްރީންވެފައިވާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާތަކަށް ބެނުންވާ މީހުން ތަމްރީން ކުރުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ. އޮސްޓްރޭލިޔާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1974 ވަނަ އަހަރު އެވެ.