އަނަސްގެ މަރުގެ ތުހުމަތު ކުރެވޭ މީހުންގެ މައްސަލަ އަނެއްކާވެސް ސުޕްރީމް ކޯޓަށް
އަވަސް
3 ޖޫން 2025 | އަންގާރަ | 11:46
މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ މީހުން ބަންދު ނުކުރަން ހައި ކޯޓުން ދެވަނަ ފަހަރަށް ނިންމި ނިންމުން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ. ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށް އުފުލި އެވެ. މީގެ އިތުރުން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށް ކޮށްފައިވެ އެވެ. އަނަސް މަރާލިތާ ހަތް އަހަރު ފަހުން ކްރިމިނަލް ކޯޓުން ނިންމީ ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ރިއާޔަތް ކުރާއިރު، އެ ހަތް މީހުން އެ ކުށުގައި ބައިވެރިވި ކަމަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށެވެ. އެ މައްސަލަ ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށް، އެ ހަތް މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދު ކުރަން އެދިފައިވެ އެވެ. ނަމަވެސް ހައި ކޯޓުން ކުރިން ނިންމާފައިވަނީ އެ ހަތް މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ. އެހެންވެ، ދައުލަތުން މައްސަލަ ސުޕްރީމް ކޯޓަށް ގެންދިޔަ އެވެ. ސުޕްރީމް ކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން އަޣުލަބިއްޔަތުން ނިންމީ އެ މީހުން ބަންދު ނުކުރަން ހައި ކޯޓުން ނިންމީ ގާނޫނުން ބޭރު ސަބަބުތަކެއް ދެއްކުމަށް ފަހު ކަމަށެވެ. އެހެންވެ، އެ މައްސަލާގައި ހައި ކޯޓުން އަލުން ގޮތެއް ކަނޑައަޅަން ސުޕްރީމް ކޯޓުން އެންގި އެވެ. އެކަމަކު ސުޕްރީމް ކޯޓުން އެންގުމުންވެސް، ދެވަނަ ފަހަރަށްވެސް ހައިކޯޓުން އެ މީހުން ބަންދެއް ނުކުރިއެވެ. އެ ކޯޓުން އަނެއްކާވެސް ނިންމީ ދައުވާލިބޭ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރާނެ ތަނެއް ނެތް ކަމަށެވެ. ހައި ކޯޓުން ދެވަނަ ފަހަރަށް ނިންމުމުގައިވަނީ އެ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ބުރަވެވޭ ފަދަ ތަފްސީލެއް ދައުލަތެއް ހުށަހަޅާފައިނުވާ ކަމަށެވެ. އެހެންކަމުން އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ނުކުރެވޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ. އެގޮތަށް ނިންމީ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ދައުލަތުންވަނީ އެ މައްސަލަ ދެވަނަ ފަހަރަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އަނަސްގެ މަރާ ގުޅިގެން ހަތް މީހުންގެ އިތުރުން ކުޑަކުއްޖަކަށް ވެސް ދައުވާކުރި އެވެ. އެ ކުއްޖާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް ހައި ކޯޓުން ކުރިން އިއްވާފައި ވީނަމަވެސް އެ ހުކުމް ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލުއިކޮށްދެއްވައިފަ އެވެ.