މަސްތުވާތަކެއްޗާއެކު މާމިގިލިން ބަޔަކު ހައްޔަރުކޮށްފި
އަވަސް
3 ޖޫން 2025 | އަންގާރަ | 11:37
މާމިގިލީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ޑްރަގް އެންފޯސްމަންޓާއި އދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެންނެވެ. ފުލުހުން ބުނި ގޮތުގައި އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އދ. މާމިގިލި/ ރީފްސައިޑް، ރިސްވާން އިބްރާހިމް (30އ) އާއި އދ. މާމިގިލި / ވިލެޖް، އަޙްމަދު ފިރުޝާން (28އ) އާއި އދ. މާމިގިލި / ރޯޅި، މުޙައްމަދު ޝަހުދު (27އ) އާއި އދ. މާމިގިލި / ކުވައިތު، މުޙައްމަދު މަޙްމޫދު (34އ) އަދި އދ. މާމިގިލި / އެވަރެސްޓް، ޢަލީ ޝާނީޒް (39އ) އެވެ. މި އޮޕަރޭޝަނުގައި އެ ފަސް މީހުން ހައްޔަރުކޮށް އެމީހުންނާ ގުޅިގެން ހަތް ތަނެއް ބަލައިފާސްކުރިއިރު، 9.68 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރިސްވާން އިބްރާހިމް އާއި މުހައްމަދު މަހްމޫދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި އަދި އަޙްމަދު ފިރުޝާން އާއި މުޙައްމަދު ޝަހުދުގެ އިތުރުން ޢަލީ ޝާނީޒް ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.