ސަގާފީ ކުޅިވަރުތައް ކުޅެންވާނީ އަސްލު ނުގެއްލޭ ގޮތަށް: އާދަމް ނަސީރު
އަވަސް
5 ޖޫން 2025 | ބުރާސްފަތި | 2:25
ދިވެހި ސަގާފީ ކުޅިވަރުތައް އޭގެ އަސްލު ނުގެއްލޭ ގޮތަށް ކުރިއަށް ގެންގޮސްދިނުމަށް ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް އެދިވަޑައިގެންފި އެވެ.
މިނިސްޓަރު ވިދާޅުވީ އިހުގެ ބައެއް ކުޅިވަރުތަކަކީ ހަމައެކަނި ފިރިހެނުން އަދި އެހެން ބައެއް ކުޅިވަރުތަކަކީ ހަމައެކަނި އަންހެނުން ކުޅުނު ކުޅިވަރުތައް ކަމަށްވާތީ އެއީވެސް ހިފަހައްޓަންޖެހޭ ހަމައެއް ކަމަށެވެ. ހަމައެކަނި ފިރިހެނުން ކުޅޭ ކުޅިވަރުތަކުގެ ތެރޭގައި ތާރަ، މަންގަލަން، ދިގުމަގުނެގުން އަދި މަލިކު ދަނޑި ހިމެނެ އެވެ. ހަމައެކަނި އަންހެނުން ކުޅޭ ކުޅިވަރުގެ ގޮތުގައި ބަނޑިޔާޖެހުން، ފަންކުޅުން ހިމެނެ އެވެ. ބޮޑު ބެރު ކުޅެނީ ފިރިހެނުން ގުރޫޕެއްގެ ގޮތުގައި ކަމަށްވީ ނަމަވެސް އަންހެނުން ވެސް ބައެއް ރަށްރަށުގައި ގުރޫޕް ހަދައިގެން ކުޅެމުން ދެއެވެ. މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ބާރުއަޅަނީ އިސްލާމް ދީނުގެ އުސޫލުތަކާ އެއްގޮތަށް އީދު ފާހަގަކުރުމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އީދު ފާހަގަކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށްވެސް ވިދާޅުވި އެވެ. "އެހެންކަމުން އިސްލާމީ މިންތަކުގެ ތެރޭގައި އީދުގެ ކުޅިވަރުތައް ކުޅުމާއި އެއްބައިވަންތަކަމުގައި ކުރިއަށް ދިއުމަކީ ސަރުކާރުން ތަރުހީބުދޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ. އީދުގައި ކުލަ ޖެހުން ރަށްރަށުގައި ވަރަށް ބޮޑަށް އާންމުވެފައިވީ ނަމަވެސް މިނިސްޓަރު ވިދާޅުވީ އެއީ އިހު ދިވެހިންގެ ސަގާފަތެއް ނޫން ކަމަށެވެ. އެ ޒަމާނުގައި ބޮޑު އީދަކީ ފެންކުޅި ކުޅުނު އީދެއް ކަމަށާއި އެކަމަކު އެ ކުޅިވަރުގެ ތެރޭގައި ކުލަ ޖެހުން ކުރިއަށް ގެންގޮސްފައި ނެތް ކަމަށްވެސް ވިދާޅުވި އެވެ. ސަރުކާރުން މި އަހަރުގެ ބޮޑު އީދު ތިން ރަށެއްގައި ގައުމީ ފެންވަރެއްގައި ފާހަގަކުރެ އެވެ. އެއީ ލ. ގަމާ، ހއ. ކެލާ އަދި ކ. ގުރައިދޫ އެވެ.