ހއ. ދިއްދޫގައި "ދިރާގު ގޯ ގްރީން" ގެ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި
އަވަސް
5 ޖޫން 2025 | ބުރާސްފަތި | 6:50
ދިރާގާއި ކްލީން މޯލްޑިވްސް ގުޅިގެން ހއ. ދިއްދޫގައި "ދިރާގު ގޯ ގްރީން 2025" ގެ ހާއްސަ ހަރަކާތްތަކެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފި އެވެ.
ތިމާވަށީގެ ދުވަހާ ގުޅުވައިގެން މިމަހުގެ ދެ ވަނަ ދުވަހުން ހަތަރު ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގެ މަގުސަދަކީ، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ އިތުރުން މި ފަދަ ކަންކަމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުން ކަމަށް ދިރާގުން ބުނެފައިވެ އެވެ. މިއީ ދިއްދޫ ކައުންސިލް، ދިއްދޫ ކުރިމަގު ޖަމިއްޔާ، ލޯކަލް އެންޖީއޯތައް އަދި ސްކޫލް ކުދިންގެ އިތުރުން އާންމުންގެ ގިނަ ފަރާތްތަކުގެ އެއްބާރުލުމާއެކު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތްތަކުގެ ތެރެއިން ދިއްދޫގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން، އެ ރަށުގެ އެކި ހިސާބުތަކުގައި 2،000 ގަސް ވަނީ އިންދައިފަ އެވެ. މި އިންދި ގަސްގަހަކީ ދިގު މުއްދަތައް ފައިދާ ލިބޭ ފަދަ ގަސްކަން ދިރާގުން ފާހަގަކުރެ އެވެ. މީގެ ތެރޭގައި އަނބު، ފޭރު، ރޯސް އެޕަލް އަދި އެކި ބާވަތްތަކުގެ ހިޔާ ލިބޭ ގަސްތައް ހިމެނެ އެވެ. އިންދި ގަހުގެ ތެރޭގައި ހިމެނޭ 1،000 ގަހަކީ ދިރާގުން ހަދިޔާކޮށްފައިވާ ގަހެވެ.
ދިރާގުގެ ސީނިއާ މެނޭޖަ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ބިޝާރާ ހަމީދު ވިދާޅުވީ މިއީ، ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ ހަރަކާތަށް އެއްބާރުލުންދީ، ރާއްޖޭގެ ގުދުރަތީ ރީތިކަން ދަމަހައްޓައި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ރައްކާތެރިވުމުގެ މަގުސަދުގައި ހިންގި ހަރަކާތެއް ކަމަށެވެ. "ތިމާވެށި ރައްކާތެރިކުރުމަށް ދިރާގުން ދޭ އިސްކަމުގެ ދަށުން ކްލީން މޯލްޑިވްސްއާ ގުޅިގެން މި ހިންގުނު ހަރަކާތަކީ، ދެމެހެއްޓެނިވި އާދަތައް މުޖުތަމައުގައި ކުރިއެރުވުމަށް މަގުފަހިކޮށްދޭ ޕްރޮގްރާމެއް،" ބިޝާރާ ވިދާޅުވި އެވެ. ކްލީން މޯލްޑިވްސްގެ ފައުންޑާ އަދި ރައީސް ހަފްސަތު ހަލީމް ވިދާޅުވީ ސަސްޓެއިނަބިލިޓީއަކީ ހަމައެކަނި އަމާޒެއް ނޫން ކަމަށާއި އެއީ އަންނަން އޮތް ޖީލުތަކަށް ކުރާ ވައުދެއް ކަމަށެވެ. "އަޅުގަނޑުމެން ގެ އުންމީދަކީ ގޯގްރީން2025 މެދުވެރިކޮށް މި ކުރާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިއަށްވުރެ ފެހި، ދުޅަހެޔޮ ރާއްޖެއެއް ކަށަވަރުކޮށްދިނުން." ހަފްސަތު ވިދާޅުވި އެވެ.