އީދުގައި އިސްކުރަންވީ އިޖުތިމާއީ ރޫހު: ރައީސް
އަވަސް
5 ޖޫން 2025 | ބުރާސްފަތި | 11:00
ކޮންމެ އީދަކީވެސް އުފާވެރި ހަނދާންތަކެއް، އެންމެންގެ ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިހްތިފާލަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ އީދު ދުވަހުގެ މުނާސަބަތުގައި މިރޭ ފޮނުއްވި ހިތާބުގައެވެ. ރައީސްގެ ހިތާބުގައި އެމަނިކުފާނު ވަނީ ބަރަކާތްތެރި ކޮންމެ މޫސުމެއްގައިވެސް އިޖުތިމާޢީ ރޫހާއި އެއްބައިވަންތަކަން އާލާކުރުމަށް ހާއްސަ އިސްކަމެއް ދިނުމަށް ބާރުއަޅުއްވާފަ އެވެ. "ދޮށީ އުމުރުގައި ތިބި މައިންބަފައިން އުފާކޮށްދިނުމާއި އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމާއި ގާތްތިމާގެކަމާ ރަހްމަތްތެރިކަން އިތުރަށް ބަދަހިކުރުމާއި ދަރީންނަށް ރިވެތި ނަމޫނާއާ ނަސޭހަތްތަކުން ތަސައްލީ ލިބިދިނުމަކީ އީދުގެ ހަގީގީ ޒީނަތްތެރިކަމެވެ،" ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ. ރައީސް މުއިއްޒު ވަނީ ދިވެހީންގެ ހިތްތަކުގައި ފަލަސްތީނަށް އޮތް ލޯތްބާއި، ކުލުނުވެސް ފާހަގަކުރައްވާފަ އެވެ. ރައީސް ވަނީ ފަލަސްތީންގެ މުސްލިމުން ކުރާ ޖިހާދުގައި ބަރަކާތް ލެއްވުމަށް އެދިވަޑައިގެން ދުއާވެސް ދަންނަވާފަ އެވެ. ހަމަ އެއާއެކު އެއް މުއުމިނަކު އަނެއް މުއުމިނަކަށް އަޅައިލާ އެހީތެރިކަން ދިނުމުން އުފެދޭ ބަދަހި ގުޅުން މާތް ނަބިއްޔާ ސިފަ ކުރައްވާފައިވަނީ ގަދަފަދަ ބިނާއެއްގެ ގޮތުގައިކަން ރައީސްގެ ހިތާބުގައި ފާހަގަކުރައްވާފައިވެ އެވެ. ރައީސްގެ ހިތާބު ނިންމަވާލައްވާފައިވަނީ ދިވެހި ރައްޔިތުންނަށް މިއަހަރުގެ ބޮޑު އީދަކީ އަމާންކަމާއި، ބާއްޖަވެރިކަމުން ފުރިގެންވާ މުނާސަބާއެއް ކަމުގައި ލެއްވުން އެދިވަޑައިގެން ދުއާ ދަންނަވަމުންނެވެ.