ޕޯޗުގަލް ދެވަނަ ފަހަރަށް ނޭޝަންސް ލީގް ޗެމްޕިއަންކަން ހޯދައިފި

އަވަސް

9 ޖޫން 2025 | ހޯމަ | 2:00

ޔޫއެފާ ނޭޝަންސް ލީގްގެ ފައިނަލްގައި ޕޯޗުގަލްއިން ސްޕެއިން އަތުން މޮޅުވެ ދެވަނަ ފަހަރަށް މި މުބާރާތް ކާމިޔާބުކޮށްފި އެވެ.

ޖަރުމަނުގެ މިއުނިކްގެ އެލިއަންޒް އެރީނާގައި ރޭ ކުޅުނު މި މެޗު ނިމުނީ ޕެނަލްޓީ ޖަހައިގެން 5-3 އިން ޕޯޗުގަލް މޮޅުވެގެންނެވެ. މެޗު ފެށިގެންގޮސް 21 ވަނަ މިނެޓްގައި މާޓިން ޒުބިމެންޑީގެ ގޯލުން ސްޕެއިން ލީޑު ނެގި އެވެ. އެހެންނަމަވެސް ހާފުގެ ފަހު ފަސް މިނެޓް ކުރިން ޕޯޗުގަލްގެ ނޫނޯ މެންޑެސް ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މިކެލް އޮޔާޒަބާލް ވަނީ ގޯލު ޖަހައި އަނެއްކާވެސް ސްޕެއިން އަށް ލީޑު ނަގައިދީފަ އެވެ. އެހެންނަމަވެސް ދެވަނަ ހާފުގައި 39 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ތާރީޚީ ގޯލެއް ޖަހައި މެޗު އެއްވަރުކޮށްފަ އެވެ. މިއީ ގައުމީ ޓީމަށް އޭނާ ޖަހައިދިން 138 ވަނަ ގޯލެވެ. ފުރިހަމަ ވަގުތާއި އިތުރު ވަގުތުގައިވެސް އިތުރު ގޯލެއް ނުޖެހުމުން މެޗު ދިޔައީ ޕެނަލްޓީ ޝޫޓްއައުޓަށެވެ. ޕޯޗުގަލްގެ ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރިއިރު ސްޕެއިންގެ އަލްވާރޯ މޮރާޓާގެ ޕެނަލްޓީ ޕޯޗުގަލްގެ ގޯލްކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ ހުއްޓުވާފަ އެވެ. މި ކާމިޔާބީއާއެކު ޕޯޗުގަލް ވަނީ ނޭޝަންސް ލީގްގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދި ފުރަތަމަ ގައުމަށް ވެފަ އެވެ. 2019 ގައި ފުރަތަމަ ފަހަރަށް މި ޓައިޓަލް ހޯދި ޕޯޗުގަލަށް މިއީ އިތުރު ކާމިޔާބީ އެކެވެ. އަދި އެހެންމެ ޕޯޗްގަލްގެ ކެޕްޓަން 39 އަހަރުގެ ކްރިޝްޓިއާނޯ ރޮނާލްޑޯއަށްވެސް މިއީ ވަރަށް ބޮޑު ކާމިޔާބީ އެކެވެ.

މައުޟޫޢުތަށް