ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރަކަށް ކެޓްރީނާ

އަވަސް

10 ޖޫން 2025 | އަންގާރަ | 12:22

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް ގެންގުޅޭ ސަނީ ސައިޑް އޮފް ލައިފްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް ހަމަޖައްސައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން މިއަދު ބުނީ ކެޓްރީނާއަށް ބްރޭންޑް އެމްބެސެޑަރުކަން ދިނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ ދިރުންތަކާއެކު ރާއްޖޭގެ ލަގްޒަރީ ފަތުރުވެރިކަން ތަޖުރިބާކުރަން ޓޫރިސްޓުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ. ކެޓްރީނާ ބުނީ ރާއްޖެއަކީ މުޅި ދުނިޔެއަށްވެސް ގުދުރަތީ ރީތިކަމުގައި މަޝްހޫރު މަންޒިލެއް ކަމަށާއި އެެހެންވެ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްބެސަޑަރުކަން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވަނީ ރާއްޖޭގެ އެމްބެސަޑަރުކަން ކެޓްރީނާ ގަބޫލުކުރުމާ ގުޅިގެން އެކަމާ އުފާކުރައްވާ ކަމަށް ވިދާޅުވެ ކެޓްރީނާއަށް މަރުހަބާ ވިދާޅުވެފަ އެވެ. ކެޓްރީނާއަކީ ބޮލީވުޑްގައި ތިބި އެންމެ ނުފޫޒުގަދަ ތަރިންގެ ތެރޭގައި ހިމެނޭ އެކަކެވެ. އޭނާއަކީ ވިޔަފާރީގައިވެސް ކާމިޔާބު މީހެކެވެ. އެގޮތުން ފޯބްސް އައިކަން އޮފް އެކްސެލެންސްގެ ޝަރަފް ކެޓްރީނާއަށް ލިބިފައިވެ އެވެ.

މައުޟޫޢުތަށް