ޖެނުއަރީގެ ކުރިން ހުރިހާ ސްކޫލެއް އޭސީކޮށް ނިންމަނީ
އަވަސް
12 ޖޫން 2025 | ބުރާސްފަތި | 6:14
އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރަން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.
މިކަމުގެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މިއަދު ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެވެ. ފެނަކަ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ. އޭސީތައް ހޯދައި އިންސްޓޯލް ކުރުމަށް ފެނަކައާ ހަވާލުކުރީ 54 މިލިއަން ރުފިޔާ އަށެވެ. ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސްތަކާއި ހޯލްތައް އޭސީ ކުރުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. މިރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހޫނުމިން ވަރަށް ބޮޑަށް މައްޗަށްދާތީ ދަރިވަރުންނަށް ވީހާވެސް ރަނގަޅު މާހައުލެއްގައި ކިޔަވަން ފުރުސަތު ހޯދައިދިނުމަކީ ސަރުކާރުން ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. ފެނަކަ އެމްޑީ ނަޖާހު ވިދާޅުވީ ސަރުކާރުގެ ހުރިހާ ސްކޫލެެއްގައި އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން އޭސީ ހަރުކޮށް ނިންމާލެވޭނެ ކަމަށެވެ.