މެޑަމް ސާޖިދާ ޔޫއޭއީއަށް ފުރާވަޑައިގެންފި
އަވަސް
17 ޖޫން 2025 | އަންގާރަ | 12:33
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ޔުނައިޓަޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީއަށް މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މެޑަމް ސާޖިދާގެ މި ދަތުރުފުޅަކީ މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތް ވަނަ ސަމިޓު ޝަރަފުވެރިކޮށް ދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް އޮފީހުން ބުނީ މިމަހުގެ 18 އިން 19 އަށް ކުރިއަށްދާ މި ސަމިޓުގެ އިފްތިތާޙީ ސެޝަން އަދި ކޮމިޓީ ބައްދަލުވުމުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ބައްދަލުވުންތަކުގައި މަޝްވަރާތައް ބިނާކުރުމަށް ހަމަޖެހިފައިވަނީ ދަރިމައިވުމުގެ ސިއްހަތާ ގުޅުންހުރި ތައައްސަބުތައް ނައްތާލުމާއި، އަންހެންކުދީންނަށް ތައުލީމުދިނުމަށް އެއްބާރުލުންދިނުމާއި އަންހެނުން ބާރުވެރިކުރުމާއި ސިއްހީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށްޓަކައި އެ ދާއިރާއިން ގާބިލުކަން އިތުރުކުރުމުގެ މައްޗަށެވެ. އެފްރިކާ އަދި އޭޝިޔާގެ ގައުމުތަކުގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގަންނަވާ މި ސަމިޓުގައި މިދިޔަ އަހަރު ޓެންޒޭނިޔާގައި ބޭއްވި މެކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ 2024 ގެ 11 ވަނަ އަހަރީ ކޮންފަރެންސަށް ފަހު ލިބިފައިވާ ކުރިއެރުންތަކާއި ކުރެވުނު މަސައްކަތްތައްވެސް، ސަމިޓުގެ ބައިވެރިން މުރާޖައާ ކުރާނެ އެވެ. މިދިޔަ އަހަރުގެ ލުމިނަރީގެ ކާމިޔާބު މަޝްވަރާތަކަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ވަނީ، މެކް ފައުންޑޭޝަންގެ "މޯ ދެން އަ މަދާ" ޕްރޮގްރާމުގެ އެންބެސެޑަރުކަން ދެއްވާފަ އެވެ.