ސިވިލް ސޮސައިޓީ އެވޯޑަށް ހުޅުވާލައިފި

އަވަސް

19 ޖޫން 2025 | ބުރާސްފަތި | 10:12

ރަޖިސްޓަރީކޮށްގެން ހިންގާ މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކުން ރާއްޖޭގެ މުޖުތަމައު ބާރުވެރިކުރުމުގެ ގޮތުން ހިލޭސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް އެޖަމިއްޔާތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިނުމަށް ކަނޑައަޅާފައިވާ "ސިވިލް ސޮސައިޓީ އެވޯޑް" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޔޫތު މިނިސްޓްރީން ވަނީ މި އިނާމަށް ޖުމްލަ ނުވަ ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މި އިނާމަކީ އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރި ކުރުވުމަށް އަމިއްލަ އިސްނެގުމުގެ މަތީން، ތަފާތު ގޮތްގޮތުން އެ ޖަމްއިއްޔާއެއް ނިސްބަތްވާ މުޖްތަމައުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް ހިލޭސާބަހަށް މަސައްކަތް ކުރުމުގައި މަދަނީ ޖަމްއިއްޔާތަކުގެ ތެރެއިން ނަމޫނާ ދައްކުވައިދޭ ފަދަ މަސައްކަތްތައް ކޮށްފައިވާ ޖަމްއިއްޔާތަކަށް ދެވޭ އިނާމެކެވެ.

މި އިނާމުގެ ސަބަބުން ޖަމްއިއްޔާތަކުން ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. މަދަނީ ޖަމްއިއްޔާތަކުގެ އިނާމް ލިބޭ ފަރާތްތަކަށް ޖަމްއިއްޔާތަކަށް ދެވޭ ހާއްސަ އެވޯޑާއި، ސެޓްފިކެޓް ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މިއެވޯޑަށް ނަން ހުށަހެޅުމަށް ޝައުގުވެރިވާ ޖަމްއިއްޔާތަކުން ޖުލައި 10 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މައުޟޫޢުތަށް