އެމްޑީޕީގެ ޖަލްސާ ބާއްވަން ސަލްޓަން ޕާކް ދީފި
އަވަސް
21 ޖޫން 2025 | ހޮނިހިރު | 9:07
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްގެ ބޭފުޅުން އަލުން އެމްޑީޕީއަށް ސޮއިކުރުމުގެ ޖަލްސާ ބޭއްވުމަށް ސަލްޓަން ޕާކް ދީފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރޭ ވިދާޅުވީ ސަލްޓަން ޕާކު މަރާމާތުކުރަން ސިޓީ ކައުންސިލުން އެ ތަން އެ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އޭގެ ފަހުން އެއްވެސް ބަޔަކަށް އެ ތަން ކުއްޔަށް ދީފައިނުވާ ކަމަށާއި ކުއްޔަށް ދިނުމަށް އުސޫލެއް ކަނޑައަޅާފައި ނުވާ ކަމަށްވެސް މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ. މުއްތަލިބް ވިދާޅުވީ އެމްޑީޕީ އިން އިވެންޓެއް ބޭއްވުމަށް މާލެ އިން ތަނެއް ހަމަނުޖެހިގެން އެ ތަން ހޯދުމަށް އެދިފައިވާތީ ސަލްޓަން ޕާކުގެ އިވެންޓު ބާއްވާ ތަން އެ ޕާޓީން އެދިފައިވާ ގޮތަށް ދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އެމްޑީޕީގެ ޖަލްސާ ބާއްވަން ސަލްޓަން ޕާކް ހަމަޖައްސައިދީފައިވާއިރު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެކްސްގައި މީގެ ކުރިން ކުރެއްވި ޕޯސްޓެއްގައި ވަނީ ކުރީގެ ރައީސް ނަޝީދުއާއި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ގިނަ ބޭފުޅުންތަކެއް އެމްޑީޕީއާއި އަލުން ގުޅުމަށް ހަފްލާއެއް ބޭއްވުމަށާއި އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެކި ހަރަކާތްތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުރަސް އަޅަމުން ގެންދާކަމަށް ވިދާޅުވެފަ އެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ ހަފްލާތައް ބޭއްވުމަށް މިހާތަނަށް އެއްވެސް ތަނެއް ހަމަޖެހިފައިނުވާތީއާއި މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ތަނެއް ހަމަނުޖައްސައިދީފިނަމަ މުލީއާގޭ ކަންމަތީގައި އެ ހަފްލާތައް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ފައްޔާޒުގެ ޕޯސްޓާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ފުރިހަމަ ޑިމޮކްރެސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށްޓަކައި އަދި ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި ޒިންމާދާރު ސިޔާސީ ހަރަކާތްތައް ހިންގުމާއި، ގައުމަށްޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށް ސަރުކާރުން ދެކޭ ކަމަށެވެ.