ބަޖެޓުގެ 95 ޕަސެންޓް ފައިސާއަށް ވާގޮތް ކިޔައިދެވޭނެ މީހަކު ނެތް: ނާޒިލް

އަވަސް

21 ޖޫން 2025 | ހޮނިހިރު | 10:52

ދައުލަތުގެ ބަޖެޓުގެ 95 ޕަސެންޓް ފައިސާއަށް ވާގޮތް ކިޔައިދެވޭނެ މީހަކު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގައި ނާޒިލް ވިދާޅުވީ މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށާއި ބަޖެޓުގެ 95 ޕަސެންޓް ސަރުކާރުން ހުސްކޮށްލާއިރު ފައިސާއަށް ވާގޮތް ކިޔައިދެވޭނެ ވަޒީރެއް އަދި ރައީސް އޮފީހުގެ ބޭފުޅެއްވެސް ނެތް ކަމަށެވެ. ދައުލަތުގެ ބަޖެޓުގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ހާއްސަކޮށްފައިވާއިރު ސަރުކާރުން މިހާރު މަސައްކަތް ކުރަނީ އެ ފައިސާކޮޅު ނަގަން ކަމަށް ނާޒިލް ވިދާޅުވި އެވެ. "ދެން ބާކީ މި އޮންނަ ފަސެންޓް އެ ހުސްނުކުރެވޭ މި ކައުންސިލަރުންނަށް. އެ ހުސް ނުކުރެވޭތީ ކައުންސިލްތައް ސައިޒް ކުޑަކުރަން އެ ބަޖެޓް އަނބުރާ ސަރުކާރުގެ އިދާރާއަކަށް އެ ބަޖެޓް ގެންނަން މި މަސައްކަތް ކުރަނީ،" ނާޒިލް ވިދާޅުވި އެވެ. ނާޒިލް ވިދާޅުވި ގޮތުގައި ކައުންސިލްގެ ސައިޒް ކުޑަކުރަން ސަރުކާރުން މަސައްކަތް ކުރަނީ ފަސް ޕަސެންޓް ފައިސާގެ ބޭނުމުގަ އެވެ. "ލާ މަރުކަޒީ ބާބަށް އެ ގެންނަ ބަދަލާއި ކައުންސިލްތަކުގެ ސައިޒް ކުޑަކުރަން ގެންނަ ބަދަލަކީ ހަގީގަތުގައި އެއްކަލަ ފަސް ޕަސެންޓް ފައިސާކޮޅުގައި އަތްނުލެވިގެން އެ ބޭފުޅުން އެކުރާ ކަންތައްތައް ހަގީގަތުގައި،" ނާޒިލް ވިދާޅުވި އެވެ. އެ ބަދަލުތަކަށް ރައްޔިތުން އާނ ބަސް ބުނެގެން ނުވާނެ ކަމަށާއި އާނ ބަސް ބުނެފި ނަމަ ކުރިއަށް އޮތް އިންތިހާބުތައް ގެއްލިދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް